ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވަންވާނީ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެވޭނެ ކެންޑިޑޭޓެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު ބައިވެވަޑައިގެންނެވި އެމްޑީޕީ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހު ވާދަކުރައްވާއިރު، އެމަނިކުފާނާ ދެކޮޅަށް ނުކުމެވަޑައިގެން ހުންނެވީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
"އެމްޑީޕީ ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕޭނު ލޯންޗުކުރަން އިއްޔެ ރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ފަސް ދައުރާއި 2018ގެ ރިޔާސީ އިންތިހާބާއެކު ހަ އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ.
"އިންތިހާބު ކާމިޔާބުކުރާނެ ފޯމިއުލާ އަޅުގަނޑަށް އެނގޭ. ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު. އެއްވެސް ޝައްކެއް ނުކުރަން ބޮޑުތަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން. ޕްރައިމަރީވެސް ބޮޑުތަނުން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އޭގެ އަނެއް ފަރާތުން، ރައީސް މިރޭ ވަނީ ނަޝީދު ކުރިމަތިލެއްވި އިންތިހާބުތަކުން ނުކުތް ނަތީޖާ އެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީއަށް ލިބުނީ އެންމެ 25 ޕަސަންޓު ކަމަށެވެ. އެ އިންތިހާބު ކާމިޔާބުކުރެވުނީ ތަފާތު ފިކުރެއްގެ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންކަން ރައީސް ފާހަގަކުރެއްވި އެވެ.

"ދެން ކިހިނެއްތޯވީ؟ ދެ މަސް ނުވެ ކޯލިޝަނު ރޫޅާލީ. ވީ ވައުދު އޮތީ އޮތްތަނެއްގަ. އޭގެ ފަހުން ހުރަހަކަށް ފަހު ހުރަހެއް ކުރިމަތިވެގެން އައިސް ދައުރު ފުރިހަމަނުކޮށް އަޅުގަނޑުމެން އަނެއްކާވެސް މަގު މައްޗަށް ނުކުންނަން،" 2012 ވަނަ އަހަރު ރިޔާސީ ދައުރު ފުރިހަމަނުކޮށް ނަޝީދު އިސްތިއުފާ ދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ކޯލިޝަނު ހަދާނެ ބަޔަކު ނުލިބިގެންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށްވާ ވައުދުތައް ފުއްދަން ހުރެވެންޖެހޭނެ. އެ ވިސްނުން ހުންނަންޖެހޭނެ،" ނަޝީދުގެ ސިޔާސީ މާޒީއަށް އިޝާރާތް ކުރައްވަމުން ރައީސް އިތުރަށް ވިދާޅުވި އެވެ.
"ފާޑުކިޔަސް ވަރިހަމަ، ރައްޔިތުންނަށް އޮޅުވާނުލައްވާ"
"ފިކުރެއްގެ ދިރުން"ގެ ނަމުގައި ނަޝީދު ކެމްޕޭނު ފައްޓަވައިގެން ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ގިނަ ފާޑުކިޔުންތައް އަމާޒު ކުރައްވައިފަ އެވެ.
މިގޮތުން، އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައި ހިމެނި ވައުދުތައް ތަންފީޒު ނުކުރެވޭ ކަމަށާއި އެއިން އެއްވެސް ކަމަކަށް ރައީސް ސޯލިހު "ރިއެކްޓު" ނުކުރެއްވި ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ރައީސް އިއްޔެ ރޭ ވަނީ "ރިއެކްޓު" ނުކުރެއްވި ކަމަށް ނަޝީދު ވިދާޅުވި ވާހަކައަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފަ އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ އެވެ. އަދި ކަންކަމުގައި ގޮތް ނިންމާނީ އެންމެންގެ އަޑުއަހައިގެން، އެމްޑީޕީގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މަޝްވަރާ ދެއްވަންވީ. ވާހަކަތައް ދައްކަވަންވީ. އެކަމަކު އަޅުގަނޑު ކަންތައްތައް ނިންމަމުން ގެންދަނީ ކެބިނެޓާއި، މަޖިލީހާއި ޕާޓީ އާއި އެންމެންގެ އަޑުއަހައިގެން ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ކެމްޕޭނުގެ ތެރެއިން ނަޝީދު އަމާޒުކުރެއްވި އެހެން ބައެއް ތުހުމަތުތަކަށް ވެސް ރައީސް މިރޭ ރައްދު ދެއްވި އެވެ.
މިގޮތުން، ތަރައްގީގެ މަޝްރޫއުތަކާއި ހާއްސަކޮށް އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ނަޝީދު ދެއްކެވި ބައެއް ވާހަކަތަަކަށް "ރިއެކްޓު" ނުކުރިޔަސް، "ރެސްޕޮންޑު" ކޮށް އޭގެ ހަގީގަތް ހާމަކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފާޑުކިޔަސް ވަރިހަމަ. ކިތަންމެ ވަރަކަށް ވެސް ފާޑުކިޔަންވީ. އެކަމަކު ރައްޔިތުންނަށް އޮޅުވާނުލައްވަން އަޅުގަނޑު އެދެން،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުންނާއި، މަޖިލީހުގެ ގިނަ މެމްބަރުންނާއި ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް އަމިއްލައަށް ވަކާލާތުކުރާ އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ރައްޔިތުންގެ ހައްގުތަކުގެ މަތިން ހަނދާން ނެތޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިއްޔެ އެވެ.
- ރައީސް ސޯލިހު ކުރިމަތީ އެއްވެ، އިދިކޮޅު ލީޑަރުން އެމަނިކުފާނުގެ ނަން ނެގުމަށް ގޮވާލެއްވީ އިއްޔެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގަ އެވެ.
- އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްއާރްއެމް ޖޫރިމަނާކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެ ޕާޓީން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:
ކުލި ދެއްކުމަށް ޓަކައި، އިތުރު އެހީއެއް ދިނުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެއް، އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް. މިއީ އެމްޑީޕީގެ ސިޔާސަތުތައް، މި ރާއްޖޭގައި ވެރިކަން ކޮށްދެވޭނީ އަދިވެސް އެމްޑީޕީއަށް، އެމްޑީޕީގެ މި ސިޔާސަތުތަކަކީ އަދިވެސް ދިވެހި ގިނަ ރައްޔިތުން ބަލައިގަންނަ ސިޔާސަތުތަކެއް،
ދުވަހުގެ ފޮޓޯ

ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުގެ ފުލީޓުގައި ބޭނުން ކުރުމަށް މުޅިން އަލަށް ގެނައި އޭޓީއާރު ބޯޓުތައް. އޭޓީއާރުގެ މަތިންދާބޯޓުތަކަކީ މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތަކަށް ވުރެ ތެލާއި މެއިންޓެނެންސް ހަރަދު ކުޑަ ބޯޓުތަކެއް. އަދި، އޭޓީއާރު ބޯޓުތައް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް ދިހަ ޕަސެންޓު ތެޔޮ ހަރަދު ކުޑަވާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












