ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް 45އ، މަރުގެ މައްސަލައެއްގައި ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މިއަދު ބާއްވާ އަޑުއެހުން ސިއްރުކުރަން ނިންމައިފި އެވެ.
ނިޒާމާ އެކު ބިދޭސީއަކު ތެޔޮ ބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށް އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުން އެ މީހުން ހޯދަން މިދިޔަ މަހުގެ 31 ވަނަ ދުވަހު ފުލުހުން އިއުލާން ކުރި އެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ތެޔޮ ބޯޓު ފެނުނު ނަމަވެސް އެ ދެ މީހުން އެ ބޯޓުން ފެންނާން ނެތް ކަމަށް ފުލުހުން އޭރު ބުންޏެވެ.
އޭގެ ފަހުން ނިޒާމު ހައްޔަރުކުރީ އޭނާ ހޯދަމުން ދަނިކޮށް މާލޭން ފެނިގެން އިއްޔެ އެވެ. އޭނާ ހައްޔަރުކުރީ މަރުގެ މައްސަލައެއްގައި ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކާކުގެ މަރެއްތޯ ފުލުހުން ހާމައެއް ނުކުރި އެވެ. ބޮޑަށް ބެލެވެނީ އެއީ ދެން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރާލީ ކަމުގަ އެވެ.
ނިޒާމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން މިއަދު ހަމަޖެހިފައި އޮތް އިރު، ފުލުހުން އެދިގެން އެ އަޑުއެހުން ސިއްރުކޮށްފައިވާތީ އެ އަޑުއެހުމަށް ނުވަދެވޭނެ ކަމަށް ކޯޓުން ވަނީ އަންގައިފަ އެވެ.
ބެލެވެނީ ތަހުގީގުގެ ކުރީކޮޅުގައި އުޅޭތީ އެ ކަމަށް ހުުރަސް އެޅޭނެތީ އަޑުއެހުން ސިއްރުކުރަން ފުލުހުން އެދުނީ ކަމުގަ އެވެ.

ނިޒާމާއި ބިދޭސީ މީހާއަކީ ތެޔޮ ބޯޓުގައި މަސައްކަތް ކުރާ ދެ މީހުންނެވެ. އެ ތެޔޮ ބޯޓު ހޯދާފައި ވަނީ ހުޅުލޭ ނެރާ ދިމާއިން އޮޔާ ދަނިކޮށެވެ.












