ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް 45އ، މަރުގެ މައްސަލައަކާ ގުޅިގެން މިއަދު ހައްޔަރުކޮށްފި އެވެ.
ނިޒާމް ގެއްލިގެން ހޯދާ ކަމަށް އިއުލާނުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އަދި، މިއަދު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ. އޭނާ، ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ އޭނާ ފެނުނުތާ މާ ގިނަ އިރުތަކެއް ނުވަނީސް އެވެ.
ފުލުހުން މީޑިއާތަކަަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާ މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް އޭނާ ފެނުނީ މާލޭގެ ގެސްޓް ހައުސްއަކުން ކަމަށް ހާމަކޮށްފައިވެ އެވެ.
ނިޒާމާ އެކު އެ ތެޔޮ ބޯޓުން ބިދޭސީއަކު ވެސް ދަތުރުކުރި އެވެ. އަދި، މިހާތަނަށް އެ މީހާ ފެނިފައެއް ނުވެ އެވެ.

ނިޒާމް ހައްޔަރުކޮށްފައި މިވަނީ އެކުގައި ދަތުރުކުރި ބިދޭސީ މީހާގެ މަރުގެ މައްސަލާގައިތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ބުނީ މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
މި ދެމީހުންނަކީ ތެޔޮ ބޯޓެއްގައި އެކުގައި މަސައްކަތް ކުރާ ދެމީހުންނެވެ. އެމީހުން ދުއްވާ ތެޔޮ ބޯޓު ހޯދާފައި ވަނީ ހުޅުލޭ ނެރާ ދިމާއިން އޮޔާ ދަނިކޮށެވެ.












