މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނި ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް 45އ، މިއަދު ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އޭނާ ގެއްލިގެން ހޯދާކަމަށް އިއުލާނުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ދާދި ދެންމެއަކު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެމީހާ މިހާރު ފެނިފައިވާ ކަމަށާއި، އަދި އޭނާ ހޯދިފައި ވަނީ މާލޭގެ ގެސްޓު ހައުސްއެއްގެ ތެރެއިން ކަމަށެވެ.
އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ފުލުހުން ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.
އޭނާ އާއި އިތުރު ބިދޭސީ މީހަކު ގެއްލިގެން ހޯދާ ކަމަށް ފުލުހުން ހާމަކޮށްފައި ވަނިކޮށް މާލޭގެ ސަރަހައްދަކުން އޭނާ ފެނިގެން ފޮޓޯ ނަގާ އާންމުވެސް ކުރި އެވެ. އެހެން ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މީނާއާ އެކު ދެން ގެއްލިގެން އިއުލާންކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން 35އ އެވެ. އެހެން ނަމަވެސް އެމީހާ އަދި ފެނިފައި ނުވާކަމަށް ބެލެވެ އެވެ.
މި ދެމީހުންނަކީ ތެޔޮ ބޯޓެއްގައި އެކުގައި މަސައްކަތް ކުރާ ދެމީހުންނެވެ. އެމީހުން ދުއްވާ ތެޔޮ ބޯޓު ހޯދާފައި ވަނީ ހުޅުލޭ ނެރާ ދިމާއިން އޮޔާ ދަނިކޮށެވެ.













