ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ބާއްވަމުންދާ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނޭ ގޮތަށް, ރޭ ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި ރޭގެ މުޒާހަރާއިން ޖުމްލަ 15 މީހަކު ހައްޔަރު ކުރި އެވެ. އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުން ފުލުހުން އަންނަނީ ގިނަ ބަޔަކު ހައްޔަރުކޮށް 24 ގަޑިއިރު ނުވަނީސް ދޫކޮށްލަމުންނެވެ. މިހާތަނަށް އެ މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ޖެހީ އެންމެ ދެ މީހަކަށެވެ.
އިދިކޮޅު ލީޑަޝިޕުގެ ބައެއް ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވި މުޒާހަރާ ރޭ ކުރިއަށްދިޔައީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ހުންނަ ސަރަހައްދުގަ އެވެ. އެގޮތުން ޔާމީންގެ މައްޗަށް ކޮށްފައިވަނީ 'ހަރާމް' ހުކުމެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން އިސްތިއުފާދެއްވުމަށް މުޒާހަރާގެ ބައިވެރިން ރޭ ގޮވާލި އެވެ.
ޑިސެމްބަރު 25، ވަނަ ދުވަހު އިދިކޮޅު ރިޔާސީ ޓިކެޓު ވެސް ހިއްޕަވައިގެން ހުންނެވި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑާ ކުރިކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.













