މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފުލުހުން ހޯދަމުން އަންނަ ދެ މީހުންގެ ތެރެއިން އެކަކު މާލެ ތެރެއިން ފެނިގެން އޭނާގެ ފޮޓޯ މީސްމީޑިއާގައި އާންމުކޮށްފި އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45އ) އަދި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން (35އ) އެވެ. ބަންގްލަދޭޝް މީހާގެ ހަބަރެއް އަދި އެއްވެސް ފަރާތަކަށް ލިބުނުކަން ކަށަވަރުވެފައި ނުވާއިރު ގެއްލިގެން ހޯދަމުން އަންނަ ދިވެހި މީހާއާ ދިމާވި ކަމަށް ބުނެ އޭނާއާ އެކު މިއަދު ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި މީހަކު ވަނީ އާންމުކޮށްފައިވެ އެވެ.
ފޮޓޯ އާންމު ކުރި ފަރާތުން މިއަދު ހެނދުނު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގެއްލިގެން ހޯދަމުން އައި މީހާއާ ދިމާވެފައި ވަނީ "ގްރީން ޒޯނުން" ކަމަށާއި، އަހާލުމުން ބުނީ އޭނާ ގެއްލިގެން ނޫޅޭ ކަމަށް ފުލުހުން ބުނި ކަމަށެވެ.
މިކަމާ ގުޅިގެން ތަކުރާރުކޮށް "އަދަދު"އިން ގުޅި ނަމަވެސް ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވި އެވެ.
އެ ދެ މީހުންނަކީ ތެޔޮބޯޓެއްގައި ވިލިމާލެއިން ފުރި ބައެއް ކަމަށް ފުލުހުން ބުނެ އެވެ. އެމީހުން ދަތުރުކުރި ބޯޓު ފެނިފައި ވަނީ ހުޅުލޭ ނެރާ ދިމާ ބޭރުން އޮޔާދަނިކޮށެވެ.

ބިދޭސީމީހާގެ ވީނުވީއެއް އަދިވެސް ނޭނގޭއިރު ވ. އަތޮޅު ރަށެއްގެ ފަޅުތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ވަނީ ފެނިފައިވެ އެވެ. އެމީހާގެ ހަށިގަނޑު އޮތީ ވަަރަށް ބޮޑަށް ކުނިވެފައިކަމުން އެއީ ކާކުކަން ކަށަވަރުވެފައެއް ނުވެ އެވެ.












