ވ. އަތޮޅު ކަނޑުގެ އަޑިން އިންސާނެއްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިންސާނެއްގެ ހަށިގަނޑު ފެނުނީ ވ. ވެމްޕަރު ފަޅުގެ ހުޅަނގު އުތުރުން ކަނޑު އަޑިން ކަމަށެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެދުނު 9:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިހާރު އެ ހަށިގަނޑު ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިންސާނެއްގެ ހަށިގަނޑު ފެނުނުއިރު، ޑިސެމްބަރު 29، ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ފުރައިގެން ދިޔަ ތެޔޮބޯޓެއްގައި ތިބި ދެ މީހެއް ގެެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އެ މަސައްކަތުގެ ތެރެއިން އެމީހުން ދަތުރުކުރި ތެޔޮ ބޯޓު ހުޅުލެ ނެރު ކައިރިން އޮޔާދަނިކޮށް ފުލުހުން ހޯދާފައިވާއިރު އެ ދެމީހުން އަދިވެސް ފެނިފައެއް ނުވެ އެވެ.














