އެވިޑް ކޮލެޖުން އިންސްޓަގްރާމްގައި އިޝްތިހާރުކޮށްފައިވާ ދެ ކޯހެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އެކްރެޑިޝަނާ ހިލާފުކަމަށް ބުނާ ވާހަކަ އެ ކޮލެޖުން ދޮގުކޮށްފި އެވެ.
އެކްރެޑިޝަނާ ހިލާފަށް ކޯހުގެ މުއްދަތުގެ މައުލޫމާތު ހިމަނާފައި އޮތުމާއެކު، އެކްރެޑިޓް ނުކުރާ ކޯސްތަކެއްގެ ގޮތުގައި ސިފަކޮށް އެ ކަމަށް ސަމާލުވުމަށް އަންގައި އެ އިދާރާއިން ނޫސް ބަޔާނެއް ވެސް ނެރުނެވެ.
އެވިޑް ކޮލެޖުން އޭގެ ފަހުން ނެރުނު ބަޔާނެއްގައި ވަނީ އިންސްޓަގްރާމްގެ އިޝްތިހާރުގައި ކޯހުގެ މުއްދަތާއި ލެވެލް ގޯސްކޮށް ހިމަނާފައިވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ.
"މި ޕްރޮގްރާމްތަކުގެ އިޝްތިހާރުގައި ކުށް ލިޔެވިފައިވަނީ އިޝްތިހާރު ނަކަލު ކުރުމުގައި އެރި އޮޅުމަކުންނެވެ. އަދި ޝާއިއު ކުރި އިރު މި ކަން ފާހަގަ ކުރެވިފައި ނުވާތީ ނިހާޔަތަށް މައާފަށް އެދެމެވެ." އެވިޑްގެ ބަޔާނުގައިވެ އެވެ.
ކުރިން އިޝްތިހާރުގައި އޮތީ "އޭސީސީއޭ އެޕްލައިޑް ނޮލެޖް" ކޯހަކީ ހަތަރު މަސް ދުވަހުން ނިމޭ ލެވެލް 5 ގެ ކޯހެއް ކަމަށެވެ. އެކަމަކު އެވިޑުން ބުނީ އެއީ ހަގީގަތުގައި އެއް އަހަރުގެ މުއްދަތެއް އޮތް ކޯހެއް ކަމަށެވެ.

އޭގެ އިތުރަށް ދެން މުއްދަތު ގޯސްކޮށް އިޝްތިހާރުގައި ވަނީ ލެވެލް 7 ގެ "އޭސީސީއޭ ސްޓެރެޓިޖިކް ޕްރޮފެޝަނަލް" އެވެ. އިޝްތިހާރުގައި އެއް އަހަރު ލިޔެފައި އޮތް ނަމަވެސް އެއީ ތިން އަހަރުގެ ކޯހެކެވެ.
އެ މައްސަލަ އެ ކޮލެޖްގެ ސަމާލުކަމަށް ކޮލިފިކޭޝަން އޮތޯރިޓީން ގެނައީ ނޫސް ބަޔާން ނެރުމަށް ފަހު ކަމަށް އެވިޑުން ބުންޏެވެ. މައްސަލަ ރަސްމީކޮށް އަންގައި ސިޓީއެއް ފޮނުވީ ނޫސް ބަޔާނުގެ ނަކަލަކާއެކު ކަމަށެވެ.
"މި ގޮތަށް އެމްކިއުއޭއިން އަމަލު ކުރެއްވުމުގެ ސަބަބުން އިޝްތިހާރު ވަގުތުން އިސްލާހު ކުރުމަށް އޮތް ފުރުސަތު މި ކޮލެޖަށް ގެއްލި ދިޔަ އެވެ. ހަމަ އެހެންމެ، ނުނިޔަތެއްގައި އިޝްތިހާރު ކުރި ކަމުގައި ދޭހަވާ ފަދަ ގޮތަކަށް ނޫސް ބަޔާން ނެރުއްވާފައިވާތީ ވެސް މި ކޮލެޖުން ހިތާމަކުރަމެވެ." ބަޔާނުގައި އިތުރަށް ބުންޏެވެ.
އެވިޑު ކޮލެޖުން އެދެނީ ރާއްޖޭގައި މަތީ ތައުލީމު ފުރުސަތުތައް ދިނުމަށް އަމިއްލަ ކޮލެޖުތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް ވަޒަންކޮށް އިތުބާރު ހިފޭ ގޮތަށް އެ ތަންތަން ނަގަހައްޓައިދިނުމަށް، ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮތް ކޮލިފިކޭޝަން އޮތޯރިޓީ ފަދަ މުއައްސަސާތަކުން މަސައްކަތް ކޮށްދިނުމަށެވެ.













