މާލީ ބަޔާން ހުށަނާޅައިގެން ނުވަތަ ހުށަހަޅަންވީ ގޮތަށް އެ މަސައްކަތްނުކޮށްގެން ހަތް ޕާޓީއަކަށް ކުޑަ ޖޫރިމަނާއެއް ކަނޑައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މާލީ ބަޔާން ހުށަނާޅަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޕާޓީ އާއި އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އާއި ޕީއެންސީ އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓކް ޕާޓީ އާއި މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް ކަމަށެވެ.
އެއިން ކޮންމެ ޕާޓީއެއް ވެސް ޖޫރިމަނާ ކުރީ 20،000ރ. އިން ކަމަށް ހަބީބު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި މިވަގުތު ހިންގަނީ 11 ސިޔާސީ ޕާޓީއެކެވެ. އެހެންކަމުން ޖޫރިމަނާއިން ސަލާމަތްވީ ހަމައެކަނި ހަތަރު ސިޔާސީ ޕާޓީ އެވެ. އެއީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެވެ.
އަންނަ އަހަރު ރިޔާސީ އިންތިހާބެއް ބާއްވާއިރު އެ އިންތިހާބުގައި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ އެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަމަޖައްސާފައިވާއިރު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.












