މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއި ބިޔަރާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ރޭގެ އޮޕަރޭޝަންތަކުގައި ޖުމްލަ ތިން ގެއެއް ފާސްކޮށް، ފުލުހުން ވަނީ ބަނގުރަލާއި، ބިޔަރުގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ތަކެތި ވެސް އަތުލައިގެންފަ އެވެ. މި މައްސަލަތަކުގައި ރޭ ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ވެސް ބިދޭސީ ފިރިހެނުންނެވެ.
ރޭ 19:36 ހާއިރު ފުލުހުން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ މާލޭގެ ގެއެއްގައި ބަނގުރާ ގެންގުޅޭ ކަމަށް ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 25 އަހަރާއި 26 އަހަރުގެ ދެ މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި މާލޭގެ ދެ ގެއެއް ބަލާފާސްކޮށްފައި ވެއެވެ. އެ ދެ ގެއިން ޖުމްލަ 192 ފުޅި ބަންގުރަލާއި 111 ދަޅު ބިޔަރު އަތުލައިގެންފައި ވެއެވެ.
ދެވަނަ އޮޕަރޭޝަނަކީ މާލޭގެ ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 20:00 ހާއިރު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލާފާސްކޮށްފައިވާއިރު، ބަނގުރާ ކެެއްކުމަށް ބޭނުންކުރާ ސާމާނާއި، ފަސް ލީޓަރުގެ ތިން ފުޅިއާއި، 500 އެމްއެލްގެ 52 ފުޅީގެ ބަނގުރާ އަތުލައިގެންފައި ވެއެވެ.
ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ކޮންމެ އާ އަހަރަކާ ދިމާކޮށް މަސްތުވަތަކެތި އަތުލައިގަންނަ މިންވަރު އިތުރުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން، ކޮންމެ އާ އަހަރަކާ ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަންތައް ވެސް ހިންގަމުންދެ އެވެ.













