އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ފެށިފައިވާއިރު އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް އިއްޔެ ބަދަލުކުރައްވާފަ އެވެ.
ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ނަޝީދު ވަނީ ރައީސް ސޯލިހުއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ހާމަކުރައްވާފަ އެވެ. އަދި، ގެންދަވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ނަމަވެސް، ފުރަތަމަ ފަހަރަށް ރައީސް ސޯލިހު ވަނީ އިއްޔެ މި ފާޑުކިޔުންތަކަށް ރައްދު ދެއްވައި ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފަ އެވެ.
"ނަޝީދު ބޭނުންވަނީ ވެރިކަން"
ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ. އެކަން އެގޮތަށް ކުރެވެން އޮތީ ވެރިކަން ކުރާ ކޯލިޝަނުގެ ބައިވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް އިއްޔެ ވިދާޅުވި އެވެ.
"ވަކި މީހެއްގެ ވަކި ކަމެއް ހާސިލްކުރުމަށް ޓަކައި އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުމެއްގައި އަޅުގަނޑަށް ގޮތެއް ނިންމޭނީ ދެން ތިބި އެންމެންގެ މަޝްވަރާ މަތީގައި. މި ވަގުތު ހިޔާލުތަފާތުވުން އުފެދި އޮތް މައިގަނޑު ސަބަބަކީ ވެރިކަމުގައި މި ހުރި ހުރުން،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, އެމްޑީޕީން އެކަނި ވެރިކަމަށް އައުމަށެވެ. ނަމަވެސް، އިއްޔެ ވެސް ރައީސް ސޯލިހު ވަނީ ކޯލިޝަނަކާ އެކު ވެރިކަން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،"
ރައީސް ސޯލިހު ވަނީ ރައީސް ނަޝީދާ ނުލައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ވެގެންދާނީ ޗެލެންޖެއްގެ ގޮތުގައި އިއްޔެ ސިފަކުރައްވާފަ އެވެ.
"ޕްރައިމަރީ ނިމުނީމަ އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ދެނެގަނެއް ކުރިއަށް ދިޔުން. ނިމުމަށް ފަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެން އެކީ ތިބުން. އަޅުގަނޑު ބޭނުން ވަނީ ޕާޓީ އެކީގައި ކުރިއަށްދާން،" ރައީސް ވިދާޅުވި އެވެ.
ރައީސަށް ލިބޭނެ ވޯޓު މަދު: ނަޝީދު
ސަލްޓަން ޕާކްގައި ނަޝީދުގެ ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މި އަހަރު ކޯލިޝަންގެ އިހުތިޔާރު ނެތް ކަމަށެވެ. އެމްޑީޕީއާ އެކު އޮތް މި ސަރުކާރުގައި ދެން ހިމެނޭ ކޮންމެ ޕާޓީއަކުން ވެސް ވާދަކުރާނެ ކަމަށެވެ.
އެ ހާލަތުގައި އެމްޑީޕީއަށް އޮންނާނެ އިހުތިޔާރަކީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރުން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. ރައީސް ސޯލިހު "ގިނިކަންޏާ" ނުކުމެއްޖެނަމަ، ދެވަނަ ބުރަށް ދާނެ ވަރަށް އެމަނިކުފާނަށް ވޯޓު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަމިއްލައަށް މި ޕާޓީން 39،000 މެންބަރުން އެއްކައިރިކޮށްފި، ހަމައެކަނި މި އެތެރޭގެ އިންތިހާބެއް ކާމިޔާބު ކުރަން ވެގެން، އަދި އެމްޑީޕީގެ ވިސްނުމާ މި ސަރުކާރު މާ ބޮޑަށް ދުރުވުމުން ސަޕޯޓަރުން މާޔޫސްވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވީ މިހާތަނަށް ވެސް ކޯލިޝަނެއްގެ ތާއީދެއް ނެތި، އަލަށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް 20 އިންސައްތައަށް ވުރެ އިތުރަށް ވޯޓެއް ހޯދިފައި ނެތް ކަމަށެވެ. އެހެންވީތީ އެމްޑީޕީއަށް ލިބޭނެ ވޯޓު ރައީސްއާއެކު މަދުވާނެ ކަމަށެވެ.
"ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރު ވުޒާރާތަކާއި، ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި ބަޔަކު ރައީސް ސޯލިހަށް ތާއީދުކުރި ނަމަވެސް އެ މީހުންގެ އާއިލާ މީހުންގެ ތާއީދު ވެސް ނުލިބޭނެ." ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ދަފްތަރުގައި އޮތް ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ނެތް މެންބަރުން ޕާޓީން "ގަނޑުކޮށް" ވަކިކުރުމުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންގެ އަތުން ޕާޓީ ގެއްލުނު ކަމުގައި ނަޝީދު ސިފަކުރެއްވި އެވެ.
"އަޅުގަނޑު މި ޕްރައިމަރީއަށް މި ނުކުތީ ތިޔަ ރައްޔިތުންނަށް މި ޕާޓީ އަލުން އަނބުރާ ރައްދުކޮށްދޭނެ، އެމްޑީޕީގެ މިލްކުވެރި ފަރާތަކީ މި ޕާޓީގެ ތިޔަ އިއްޒަތްތެރި މެންބަރުން، މި ޕާޓީގެ ފިކުރު ގަބޫލުކުރާ، މި ޕާޓީގެ ސަޕޯޓަރުން،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ނޫސްވެރިޔާ ރިލްވާން އަބްދުﷲގެ މައްސަލައިގައި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގުގައި ފުރިހަމަނުވާ ކަންކަން ހުރި ކަމަށް ބުނެ ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ކުރިއެރުވުމަށް ވަކާލާތު ކުރާ އެެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.
- ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލުނު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އިއްޔެ އެވެ.
- ރައީސް ސޯލިހު އުފެއްދެވި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގީ ރިޕޯޓު އާންމުވުމުގެ ސަބަބުން އެ ކޮމިޝަނުގެ މަސައްކަތްތަކަށް އަހަރެއްހައި ދުވަހުގެ މެދުކެނޑުމެއް އައިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައީސް މުހައްމަދު ނަޝީދާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ:
އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،
ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނުގެ ތެރެއިން ބޭއްވި "ފިކުރެއްގެ ދިރުން" އިވެންޓުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ. ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












