ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނެފައިވަނީ މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލާފާސްކުރުމުގެ ތެރޭގަ އެވެ.
މަސްތުވާތަކެތި ފެނުނު ޕެކޭޖަކީ ބެލްޖިއަމްއިން ގެނެސްފައިވާ ޕެކޭޖެއް ކަމަށާއި، ޕެކޭޖުގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ދެ ޕެކެޓެއް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.
ފެނިފައިވާ މަސްތުވާތަކެތި ދެނެގަތުމަށް ކުރެވުނު ތަހުލީލުތަކުން މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) ކަމަށް ދެނެގަނެވިފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
މިއީ މަގުމަތީ އަގުގައި 2،500،000 (ދެ މިލިއަން ފަސް ލައްކަ) ރުފިޔާގެ މަސްތުވާތަކެއްޗެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކު ހައްޔަރުކޮށް މަސްތުވާތަކެއްޗާއެކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.












