ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިދިޔަ އާދީއްތަ ދުވަހު ކުރި ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީ ހިމެނޭ އިދިކޮޅު އިއްތިހާދުން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެހެން އެންމެން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ބުނީ ރޭގެ މުޒާހަރާއިން ޖުމްލަ 21 މީހަކު ހައްޔަރުކުރި ކަމަށެވެ. އޭގެ ތެރެއިން 19 މީހަކު މިހާރު ދޫކޮށްލާފައިވާއިރު ބަންދުގައި އަދިވެސް ދެ މީހަކު އެބަތިބި ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ އެންމެން ވެސް ދޫކޮށްލީ ހަމަ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މުހައްމަދު ސައީދު ވެސް ހައްޔަރު ކުރި އެވެ. އޭނާ ވެސް ވަނީ ދޫކޮށްލާފަ އެވެ.
ރޭގެ މުޒާހަރާގައި އިދިކޮޅު އިއްތިހާދުގައި އިސްކޮށް ތިއްބަވާ ގިނަ ފަރާތްތަކެއް ބައިވެރިވި އެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ހިމެނެ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ހުކުމް ކުރީ އާދިއްތަ ދުވަހުގެ އިރުއޮއްސުމަށް ގާތްވެފައި އޮއްވަ އެވެ. އެއާއެކު ގިނަ އިރުތަކެއް ނުވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިޔަ އެވެ.













