މާލެއިން ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ ލ. މާވަށް، ކުންނާރުމާގޭ، މޫސާ އަނީސް (32) ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އަނީސްގެ ހަބަރެއް އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަނީސްގެ އާއިލާ މެންބަރަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެންމެ ފަހުން އަނީސްއަށް ގުޅުނީ 24 ވަނަ ދުވަހުގެ 10:15 ހާއިރު އެވެ.
ނަމަވެސް އަނީސް އެންމެ ފަހުން ލައިގެން ހުރި އެއްޗެއް ނުވަތަ އެންމެ ފަހުން ފެނުނު ސަރަހައްދުގެ ތަފުސީލެއް ފުލުހުން އަދި އާއިލާއިން ވެސް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.














