ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް ރާވާފައިވާ ކަަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ކުރިއަށް އޮތް ތަނުގައި ކޯލިޝަނުގެ ހަރަކާތްތައް ކުރިއަށްދާނެ ގޮތާމެދު "އަދަދު" އިން ސުވާލުކުރުމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރާވާފައިވަނީ ސިލްސިލާ މުޒާހަރާތަކުގެ އިތުރުން، ޓީވީން ގެނެސްދޭ ސިޔާސީ ހަރަކާތްތަކާއި އަތޮޅު ތެރޭގައި ބޭއްވޭ ހަރަކާތްތައް ވެސް ރޭވިގެން ކުރިއަށް ގެންދިއުމަށް," ހީނާ ވިދާޅުވި އެވެ.
ޔާމީން ދޫކޮށްލުމަށް ގޮވާލާ ރޭ ވެސް މާލޭގެ މަގުތަކުގައި އިދިކޮޅު ލީޑަޝިޕާއި ސަޕޯޓަރުން މުޒާހަރާ ކުރި އެވެ. މަޖީދީ މަގާއި ޗާންދަނީ މަގު ހުރަސްވާ ކަންމަތިން ފެށި މި މުޒާހަރާ ފުލުހުން ރުޅާލާފައިވަނީ ބާރުގެ ބޭނުންކޮށް 16 މީހަކު ހައްޔަރު ކޮށްގެންނެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ހުކުމް ކުރީ އިއްޔެގެ އިރުއޮއްސުމަށް ގާތްވެފައި އޮއްވަ އެވެ. އެއާއެކު ގިނަ އިރުތަކެއް ނުވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިޔަ އެވެ.













