ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމުލަ 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެ އެވެ.
ޔާމީންގެ މައްޗަށް ސާބިތުވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މި މުއާމަލާތުގެ މައްސަލާގައި ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.
މި ދެ ދައުވާގެ ތެރެއިން މަނީ ލޯންޑަ ކުރުމުގެ ކުށުގެ ދައުވާގައި ކޯޓުން ނިންމީ ޔާމީން 11 އަހަރަށް ޖަލަށް ލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށެވެ. އެއީ ލޯންޑަރކުރިކަން ސާބިތުވި ޖުމުލަ އަދަދުގެ ފަސް ގުނަ އެވެ.
ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި ކޯޓުން ކަނޑައެޅި އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
މިއީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ނޮވެމްބަރު، 2019، ގައި އެ މަނިކުފާނުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެފަ އެވެ. އެފަހަރު އިއްވީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ ހުކުމުގެ އެއް އަހަރާއި ދުވަސްކޮޅެއް ހޭދަ ކުރެއްވި ފަހުން އެންމެ މަތީ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ދައުވާގައި ހިމެނޭ ކަންކަން
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.
ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.
ޝަރީއަތުގެ ހުލާސާއެއް
މިދިޔަ އަހަރުގެ ފަހުކޮޅު އުފުލި ދައުވާތަކުގެ ޝަރީއަތް މި އަހަރުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި އެވެ. މައްސަލައާ ހަވާލުވެވަޑައިގަތީ ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ. އަދި ޝަރީއަތުގެ ކުރީގެ މަރުހަލާ މެއި މަހު ނިންމާލި އެވެ.
ދައުލަތާއި، ޔާމީނާއި، ޔޫސުފް ނައީމް ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ ގާޒީ ދެއްވި މުއްދަތަށް ފަހުގަ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން މުއްދަތު ގުނުމުގައި އެރި އޮޅުމެއްގެ ސަބަބުން، މާ ފަހުން ހުށަހެޅުންތައް ހުށަހެޅުމުން، ދައުލަތުންނާއި ދިފާއުންވެސް ހުށަހެޅި އެއްވެސް ހުށަހެޅުމެއް ޝަރީއަތަށް ބަލައިގެންފައެއް ނުވެ އެވެ.
ދައުލަތުން ހުށަހެޅި ޝަފައީ ހެކިންގެ ހެކިބަސް ނަގަން ފެށީ މި އަހަރުގެ ޖޫން މަހު އެވެ. ފުރަތަމަ އޮތީ މައްސަލައިގެ ތަހުގީގުގައި ބައިވެރިވި ފުލުހުންނާއި، ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ހަބީރުންގެ ގޮތުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.
އޭގެ ފަހުން، ރައީސް ޔާމީންގެ ކުރީގެ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ހެކިބަސް ނެގި އެވެ. އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިން ކަމުގައި ދައުލަތުން ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ވެސް ޝަރީއަތަށް ނެގި އެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުނެވެ. އެ ހެކިން ހުށަހެޅީ، ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެކެވެ.
ޔާމީންގެ ފަރާތުން ހެކިބަސް ދިން މީހުންގެ ތެރޭގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް، އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ހިމެނެ އެވެ. އެއީ ޕީޕީއެމްގައި މިހާރު ވެސް ޔާމީންގެ ވަރަށް އަރިހުން، ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅުންނެވެ.
މި ހެކިބަސް ނަފީކުރަން ދައުލަތުން އާ ހެކިތަކެއް ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި ނަރީޝް އެ ދުވަސްވަރު ސިފައިންގޭގައި އަދާކުރި ވަޒީފާގެ ހާޒިރީއާއި، އޭރުގެ ސަރުކާރުގެ ކެބިނެޓްގައި އެކުލަވާފައި އޮންނަ އިކޮނޮމިކް ޔޫތު ކައުންސިލްގެ އިތުރު ލިޔުންތަކެއް ވެސް ހިމެނެ އެވެ.
ހެކިބަސް ނެގުމުގެ މަރުހަލާ ޕްޓެމްބަރ 25 ވަަނަ ދުވަހު ނިންމާލި އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ޔާމީންގެ ފަރާތުން ވަނީ ތިން ދުވަސްވަން ދެން ހެއްކާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކައިފަ އެވެ.
އެ މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުރިހާ ހަސްމުން ވަނީ ހުލާސާ ބަޔާން ހުށަހަޅާފަ އެވެ. ހުލާސާ ބަޔާނަކީ ޝަރީއަތް ނިމުުމުން، ޝަރީއަތާ މެދު ޖުމުލަ ގޮތެއްގައި ކޮންމެ ހަސްމަކު ދެކޭ ގޮތް ހުލާސާކޮށް ބަޔާންކޮށްދިނުމެވެ.
ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު، އެމަނިކުފާނުގެ ޕީޕީއެމް އިން ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނޭ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ އިންތިހާބުގެ ޓިކެޓް ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފަޅި ބަދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާކަން ރަސްމީކޮށް އިއުލާނު ކުރެއްވީ އިއްޔެ އެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން މަތީ ކޯޓުގައި އިސްތިއުނާފުކޮށްގެން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޔާމީނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އިއްޔެ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ލީޑަރުން ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ނުކުރާނެ ކަމުގެ ވައުދާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތުގައި ތިބޭނެކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާއި ގުޅިގެން އެ ޕާޓީގެ ރިޔާސީ ޓިކެޓު އެހެން މީހަކަށް ދިނުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ:
ދެ ވަނަ ކެންޑިޑޭޓަކަށް ޕީޕީއެމް/ޕީއެންސީއަކުން ނުވިސްނަން، ނުވެސް ވިސްނާނަމޭ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،
ދުވަހުގެ ފޮޓޯ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރުމަށް ޝަރީއަތް ކުރިއަށްގެންދިޔަ ކްރިމިނަލް ކޯޓު ސަރަހައްދަށް އެމަނިކުފާނުގެ ސަޕޯޓަރުން އެއްވެ. ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވިދާނެ ކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައި --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު












