އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސް އާދިލް ރިޒާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ސަރުކާރުގެ ބައެއް އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް ހައްޔަރުކޮށްފައި މި ވަނީ އެމްބަސީގައި ހުޅުޖަހަން އޭނާ މިިދިޔަ ބުރާސްފަތި ދުވަހު ގޮވާލި މައްސަލައިގައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައި އޮއްވަ އެވެ.
މީގެ ކުރިން، ފަނޑިޔާރަކަށް ވެސް އިންޒާރު ދީފައިވާ އައްބާސް ހައްޔަރުއިރު އޭނާގެ މައްސަލަ ބެލުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން ތިން ސިޔާސީ ޕާޓީއަކުން އޮތީ ގޮވާލައިފަ އެވެ.
ހުޅުޖަހަން ގޮވި މައްސަލަ ކުށްވެރިކޮށް އޭނާގެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ހާރިޖީ އޮފީހުން ވެސް އޮތީ ރަސްމީކޮށް ބުނެފަ އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް ތަންފީޒު ކުރެވޭނެ. އިންޑިއާއަކީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ގައުމު އަދި ދިވެހިންގެ ތަރައްގީއަށް ހުރަސްއަޅަން ކުރާ އެއްވެސް ކަމެއް ބަލައެއްނުގަނެވޭނެ،" މާރިޔާ ވިދާޅުވެފައިވެ އެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ތަރުޖަމާނުގެ މަގާމުގައި ހުރި މީހެކެވެ. ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ވަހީދުގެ ވެރިކަމުގައި އައްބާސް ހުރި އެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމާއި މީރާގެ ބޯޑު މެމްބަރުކަމުގެ މަގާމު ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރި އެވެ. އައްބާސްގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާއަކީ މިހާރު މާލޭގައި ހިންގާ ކޮލެޖެއްގެ ލެޗްޗަރާއެކެވެ.
އިންޑިއާ އެމްބަސީގައި ހުޅުޖަހަން އައްބާސް ގޮވާލީ، ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 2012، ގައި އިސްތިއުފާ ދެއްވުމާ ވިދިގެން ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ބަޔަކު ހުޅުޖެހި މައްސަލައިގެ ބަދަލެއްގެ ގޮތުގައި ކަމަށް ބުނެ އެވެ. އެއަށްފަހު، އެމްބަސީގައި ހުޅުޖަހަން ކްލަބް ހައުސްއަށް ފޮނުވި އޯޑިއޯ މެސެޖެއްގައި ވެސް އޭނާ ގޮވާލާފައިވެ އެވެ.
އައްބާސް ފަނޑިޔާރަކަށް އިންޒާރު ދިނީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހިންގަމުންދިޔަ އިންޑިއާ އައުޓް ކެމްޕެއިންގެ ބެނާއެއް ނެގުމަށް ކޯޓު އަމުރެއް ނެރުމުންނެވެ. އެ މައްސަލަ ފުލުހުން ބަލާނެ ކަމަށް ބުންޏެވެ. ނަމަވެސް މިހާތަނަށް އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް އެ އިދާރާއިން ހިއްސާކޮށްފައެއް ނުވެ އެވެ.











