ޓެރަރިޒަމުގެ މައްސަލަތައް ސީރިިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހަމީދު މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ސަރުކާރުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ގޮވާލި މައްސަލަ ހޫނުވެފައިވަނިކޮށެވެ.
މިކަމާ ގުޅޭގޮތުން ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޓެރަރިޒަމަށް ގޮވާލާ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގާ ފުލުހުން ތަހުގީގުކުރާނެ މައްސަލަތަކެއް ކަމަށެވެ.
ހަމީދު ވިދާޅުވީ، މީސް މީޑިއާގައި ހަސަދަވެރިކަން ފެތުރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
އައްބާސް ހުންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ތަރުޖަމާނުގެ މަގާމުގަ އެވެ. ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ވަހީދުގެ ވެރިކަމުގައި އައްބާސް ހުންނެވި އެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި މެލޭޝިޔާގައި ހުންނަ ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުރުއްވި އެވެ. އައްބާސްގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން އޭނާއަކީ މިހާރު މާލޭގައި ހިންގާ ކޮލެޖެއްގެ ލެޗްޗަރާއެކެވެ.

ފުލުހުން ބުނީ އައްބާސްގެ މައްސަލަ އެ އިދާރާގައި މިހާތަނަށް ލޮގް ކޮށްފައި ނުވި ނަމަވެސް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ ކުރެއްވި ޓުވީޓެއްގައި އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފަ އެވެ.













