ހދ. ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ އިދާރާއިން ހިންގާ މީޑިއާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި އެ އިދާރާއިން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓު ކުރުމުން އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސް ބެލުމުން ކަމަށެވެ.
އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް އެކަން އެންގީ ހުކުރު ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެ އިދާރާއިން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ބަލަނީ ކޮން ކަމެއްކަން ފުލުހުން ނުބުނެ އެވެ.













