ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން ސަރުކާރުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ގޮވާލި މައްސަލަ ލޮގު ނުކުރާ ކަމަށާއި ނަމަވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައިގައި "އަދަދު" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ބުނީ އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ލޮގް ކުރެވިފާ ނުވާ ކަމަށެވެ. ނަމަވެސް އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ފުލުހުން ބަލަމުންދާ ކަމެއް އެ އިދާރާއިން ހާމައެއް ނުކުރި އެވެ.
ފުލުހުން އެހެން ބުނި ނަމަވެސް އައްބާސްގެ މައްސަލަ ސަރުކާރުން ބަލާނެކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ދެއްވައިފަ އެވެ.
"އިންޑިއާއަކީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ގައުމު އަދި ދިވެހިންގެ ތަރައްގީއަށް ހުރަސްއަޅަން ކުރާ އެއްވެސް ކަމެއް ބަލައެއްނުގަނެވޭނެ،" މާރިޔާ މިއަދު ވިދާޅުވެފައިވެ އެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ސަރުކާރުގެ ގިނަ ވެރިންނާއި ސިޔާސީ ޕާޓީތަކުން ވަނީ އެކަން ކުށްވެރިކޮށް މައްސަލަ ތަހުގީގުކުރުމަށް ސަލާމަތީ ބާރުތަކަށާއި ސަރުކާރަށް ގޮވާލާފަ އެވެ. އެގޮތުން ވެރިކަން ކުރާ ކޯލިޝަނުގެ ގިނަ ޕާޓީތަކުން ވަނީ މިކަން ކުށްވެރިކޮށް މިއީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ.












