ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގެ ހުކުމް އަންނަ އާދީއްތަ ދުވަހަށް ތާވަލުކުރީ އިއްޔެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކޮށްފައިވެ އެވެ.
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.
ޔޫސުފް ނައީމާއި ޔާމީން ވެސް ވަނީ އެ ކަން ސާބިތު ކުރުމަށް ދިފާއީ ހެކިންތަކެއް ވެސް ހުށަހަޅައިފަ އެވެ. އަދި ދައުލަތުން ވަނީ ޔާމީންގެ ދިފާއު ނަފީ ކުރުމުގެ ގޮތުން އިތުރު އާ ހެކިތަކެއް ވެސް ހުށަހަޅައިފަ އެވެ. އަދި ޝަރީއަތަށް އެ ހެކިތައް ބަލައިގަތެވެ.
ބައެއް މުހިންމު ހަބަރުތައް
- ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. ޔާމީންގެ މައްޗަށް އެ މައްސަލައިގައި ކުރާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއަހުން ތާވަލު ކުރީ ޖެނުއަރީ 3، 2023 އަށެވެ.
- ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު މުހިންމު ނޫން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް އިން ބުނީ އިއްޔެ އެވެ.
- އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން، މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތަށް، އޭނަގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަންނަން އެ ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ދަމަހައްޓަން ނިންމީ އިއްޔެ އެވެ.
- ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސޯސަންމަގު މަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އަހުމަދު "ފޯމީ" މުހައްމަދު ބުނީ:
ސިޔާސީ މީހުން ބޭނުން ނެތީ ޖަލުތަކުގައި ހުރި މައްސަލަތައް ހައްލު ކުރަން. އެކަމަކު ފައިސާ ހޯދަން އެބަ ނިޔަތް އޮވޭ، އެ މަސައްކަތް ބަރާބަރަށް ހިނގާ. ފުލުހުން ގިނަކޮށްފަ، ޖަލުތައް ބޮޑުކުރަން ފައިސާ ލިބޭ. އެކަމަކު ދުވަހަކު ވެސް ބަންދުކޮށްފައި ހުރި މީހަކަށް ހައްގު ލިބޭ ތަނެއް ނުފެނޭ،
ދުވަހުގެ ފޮޓޯ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގެ ތެރެއިން ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން. ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ގައި. --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު













