އާއިލީ ހަމަނުޖެހުމެއްގައި ބޭބެގެ ބޮލަށް ވަޅިޖަހާ މާރަމާރީ ހިންގި އަންހެން މީހާގެ 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަންގައިފި އެވެ.
އިއްޔެ މެންދުރެއްހާއިރު ހިނގި މި މާރަމާރީގައި 37 އަހަރުގެ ބޭބެގެ ބޮލަށް ވަޅި ޖަހާ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން ބުނީ އެ އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންްމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
ހެންވޭރުގައި ހުންނަ ގެއެއްގައި ހިނގި މި މާރަމާރީގައި ޒަހަމްވި ފިރިހެން މީހާއަށް ފަރުވާދީފައި ވަނީ ސެނަހިޔާ ހޮސްޕިޓަލުގައެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މިއީ އާއިލާ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ކޮށްފައިވާ ކަމެެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން ކުރި ސީދާ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.














