ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސޯސަންމަގު މަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
މަންޒަރުދުށް ފަރާތަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ އެ މަގުގައި ހުންނަ ހ. ސޯސަން މީޑު ގެއަށް ފުލުހުން ވަނުމުން އެގޭގެ ފަންގިފިލާއަކުން މަގަށް އެއްލައިލި ކޮތަޅަކުންނެވެ.
ފުލުހުން ވަނީ އެގެއިން ދިވެހި ފިރިހެނަކު ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެ ކޮތަޅު ކަނޑާފައިވަނީ ހައްޔަރުކުރެވުނު މީހާގެ ހާޒިރުގަ އެވެ.

ހ. ސޯސަން މީޑު ގެއިން އެއްލި ކޮތަޅު ކައިރި ދެ ފުލުހަކު ހުއްޓިލައިގެން -- ފޮޓޯ: އަދަދު
އެ ކޮތަޅުން ފުލުހުން ވަނީ މަސްތުވާތަކެތި އަޅާފައިހުރި 10 އަކަށްވުރެ ގިނަ ކުދި ޕްލާސްޓިކް ކޮތަޅު ނަގާފަ އެވެ. މީގެ އިތުރުން ފުލުހުން ވަނީ އެގެއިން ގިނަ އަދަދެއްގެ ތަކެތި ކޮތަޅުތަކެއްގައި ނެރެ ފުލުހުންގެ ވެހިކަލަށް އަރުވާފަ އެވެ.

މި އޮޕަރޭޝަނާ ގުޅިގެން މިހާތަނަށް ފުލުހުންގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.













