ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް މަގާމުތަކުގައި ތިބި ފަސް މީހަކު ވަކިކުރަން ނިންމި ނިންމުން ބާތިލްކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކޯޓަށް މައްސަލަ ހުށަހެޅި އޮފިސަރުންނަކީ، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނެރުއްވި ހުކުމުގައިވަނީ އިސް އޮފިސަރަކު މަގާމުން ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައަކާއި، މައްސަލައިގެ ބާވަތާއި، އެ ކަން ސާބިތުވާ ވަރަށް ހެކި އޮވެގެން ކަން ގާނޫނުގައި ބުނެފައިވާ ކަމަށާއި ޕޮލިސް ބޯޑުގެ އެފަދަ ނިންމުމެއް ފެންނާކަށް ނެތް ކަމަށެވެ.
ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެެހެންކަމުން ޕޮލިސް ބޯޑުގެ ލަފައެއް ތަންފީޒުކުރަން ކަމަށް ބުނެ އެ އޮފިސަރުން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ފަސް އޮފިސަރަކު ކޯޓަށް މައްސަލަ ހުށަހެޅިއިރު އަދި އިތުރު ދެ އޮފިސަރަކު ވަކިކުރަން ބޯޑުން ނިންމާފައިވެ އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދެވެ. އެކަމަކު އެ އޮފިސަރުން ވަކިކުރަން ނިންމީ، އަނެއް އޮފިސަރުންނާ މެދު ގޮތް ނިންމި އިޖުރާއަތާއި އުސޫލުގެ ދަށުންނެވެ.
އޮފިސަރުންގެ މައްޗަށް ކުރެވޭ ތުހުމަތު؛
ފުލުހުންގެ ހިދުމަތުން ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމާފައިވާ އޮފިސަރުންގެ މައްޗަށް ކުރާ ތުހުމަތު މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ތުހުމަތުތައް "އަދަދު" އަށް ވަނީ ކަށަވަރުކޮށް އެނގިފަ އެވެ.
އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރީ، ފުލުހުންގެ ލޯންޗުފަހަރު ރާއްޖޭން ބޭރުން މަރާމާތުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ.
ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް މަގާމުން ވަކިކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާތީ އެވެ.
އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ މަގާމުން ވަކިކުރަން ނިންމީ ތަހުގީގުކުރަމުން ދިޔަ ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހްމަތުގަ އެވެ. އެއީ ފުލުހުންގެ ތަހުގީގަށް އަތުލާފައި އޮތް ފޯނެއްގައި ހުރި ފޮޓޯތަކެއް ނައްތާލުމާ ގުޅިގެންނެވެ. މިކަން އޭނާ ކޮށްފައި ވަނީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ހަމީދު މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންނެވެ. މި މައްސަލައިގައި ފަރުހާދާމެދު ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އޭރު އަންގާފައި އޮތަސް، ހަމައެކަނި ނިންމާފައި އޮތީ އޭނާ އަށް ނަސޭހަތް ދިނުމަށެވެ. ނަމަވެސް، އަލަށް އެކުލަވާލި ޕޮލިސް ބޯޑުން މި މައްސަލަ ނިއުޅައި އޭނާ ވަކިކުރަން ޖެހޭ ކަމަށް ނިންމިއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު މަގާމުން ވަކިކުރަން ނިންމީ، ސިޔާސީ ފަރާތެއް ބުނެގެން ކުށްވެރިޔަކު ދޫކޮށްލި ކަމަށް ކުރެވޭ ތުހުމަތުގަ އެވެ. އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ވަކިކުރަނީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރަމުންދާތީ އެވެ.












