ކޮވިޑްގެ ކުރިން, 2019 ވަނަ އަހަރާ އަޅާ ބަލާއިރު މި އަހަރު ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފި އެވެ.
މި އަހަރު ފަތުރުވެރިން އަންނާނެ ކަމަށް ކަނޑައެޅި އަމާޒު 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައި ވަނީ އިއްޔެ އެވެ. އެ ފަތުރުވެރިޔާއަށް މަރުހަބާކިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، މި އަހަރު ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކާއި އެއާކްރާފްޓް މޫމަންޓް ވެސް އިތުރުވެފައިވާ ކަމަށެވެ.
އަރީފް ހިއްސާކުރެއްވި ގޮތުގައި މި އަހަރު ޕްރައިވެޓް ޖެޓުތައް އައި އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 53 އިންސައްތަ އަދި އެއާކްރާފްޓް މޫމަންޓްސް 10 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
"މިއީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންނަށް. ފަސިންޖަރުންނަށް ބަލާކަމަށް ވަންޏާ އެރައިވިން ގާތްގަނޑަކަށް އަޅުގަނޑުމެންގެ ރިކަވަރީ 2019 އާއި އަޅާބަލާއިރު ގާތްގަނޑަކަށް މިއުޅެނީ 98 ޕަސެންޓު ރިކަވަރީއެއްގައި މިއުޅެނީ. މިއީ އަދި ޖަނަވަރީން ނޮވެމްބަރާއި ހަމައަށް. މާނައަކީ މި އަހަރު ނިމެންވާއިރަށް ވަރަށް ބޮޑަށް އެކްސީޑްވެގެންދާނެއޭ," އަރީފް ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް 2610 ޖެޓު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އެއާކްރާފްޓް މޫމަންޓްސް ހުރީ 27،000 ގައި ކަމަށް އެމްއޭސީއެލް އިން ހާމަކުރި އެވެ.

މީގެ އިތުރުން މި އަހަރު ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފަސިންޖަރުންގެ އަދަދު ދެ މިލިއަނަށް އަރާނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ލަފާކޮށްފަ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 1.4 މިލިއަނުގަ އެވެ.
މުޅި ދުނިޔޭގެ އިގްތިސާދު ވެސް އަޑިއަޅާލި ކޮވިޑް-19ގެ ބަލިމަޑުކަމާާ އެކު ފާއިތުވި 2020 އަދި 2021 ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވެސް ބަނަ ދެ އަހަރަށެވެ. އެ ބަލިމަޑު ކަމަށް ގައުމުތައް ހޭނުމާއި، ބަލި ފެންނަ މިންވަރު އޭރާ އަޅާ ބަލާއިރު ބޮޑުތަނުން ދަށްވުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ދުވެލި އަނެއްކާވެސް އަންނަނީ ބާރުވަމުންނެވެ.













