އޮންލައިންކޮށް ހިންގަމުން އަންނަ ކުދި ވިޔަފާރިތަކުން ތަކުރާރުކޮށް ވައްކަންކުރަމުން އަންނަ ބައެއްގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލޭގައި ހިންގަމުން އަންނަ ގިނަ ފިހާރަތަކުންވެސް އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަލަށް ވިޔަފާރިކުރަން ފަށާ ކުދި ވިޔަފާރިތަކަކީ ގިނަ ފަހަރު ހަމައެކަނި އޮންލައިންކޮށް ތަކެތި ގަނެވޭ ވިޔަފާރިތަކެކެވެ.
މިގޮތަށް "ޕެޕާމިންޓް.އެމްވީ"ގެ ނަމުގައި އޮރިޖިނަލް ސެންޓު އަދި ބައެއް ކަހަލަ ރީތިވާ ސާމާނު ވިއްކަމުން އަންނަ ޕޭޖަކަށް ބަޔަކު ދިން ކެއްސެއްގެ ވާހަކަ އެމީހުން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ. ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ އެމީހުންގެ އަތުން 5,000ރ. އިން މަތީގެ ވިޔަފާރިއެއް ކުރި މީހަކު އެ ފައިސާ ނުދީ ފިލާފައިވާ ކަމަށެވެ.
ޕެޕާމިންޓްގެ ވެރިފަރާތުން "އަދަދު"އަށް ބުނީ އެމީހުންގެ ވައިބާ މެދުވެރިކޮށް މީހަކު އެ ޕޭޖުން އޮރިޖިނަލް ދެ ސެންޓުފުޅި އަދި ގިފްޓުޕެކެއް ގަތީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ. އެ ތަކެއްޗަށް 5،490ރ. އެެރި ކަމަށާއި، ނަމަވެސް 90ރ. ޑިސްކައުންޓަކަށް ފަހު 5،400ރ. ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ފޭސްބުކުގައި ކަންބޮޑުވުން ފާޅުކޮށް އިތުރު ފަރާތަކުން ވެސް ވަނީ މިފަދަ ކަމެއް ހިނގިކަން ހިއްސާކޮށްފަ އެވެ. އެއީ ބެޑިންސެޓް ވިއްކަމުން އަންނަ ބައެކެވެ. އެމީހުން ބުނެފައިވާ ގޮތުގައި އޮންލައިންކޮށް ތިން ބެޑިންސެޓަށް އޯޑަރު ޖެހުމަށް ފަހު އެތަކެތި ޑެލިވަރީކޮށްދިނުމުން ފައިސާ ނުދީ ވަނީ ފިލައިފަ އެވެ.

މިކަން ކުރާ މީހުން ޑެލިވަރީ ކުރަނީ މ. އިކްލީލް ނަމަކަށް ކިޔާ ގެއަކަށެވެ. އެނގިފައިވާ ގޮތުގައި އެއީ އެންމެ އާއިލާއެއް ދިރިއުޅެމުންދާ ގެއެކެވެ. އެގެއަކީ އަބަދުވެސް ތަޅުލާފައި ހުންނަ ގެއަކަށް ވާއިރުު ވިޔަފާރިތަކުން ވައްކަން ކުރާ މީހުން ތަކެއްޗާ ހަވާލުވަނީ އެގޭގެ ދޮރުުމަތިންނެވެ.
"މިހާރު ސެންޓު ވިއްކަމުން އަންނަތާ ދެއަހަރު މިވީ. އަދި މިކަހަލަ ކަމެއް ދިމާވެފައެއް ނެތް. ހަމަ ކޮންމެ ކަސްޓަމަރަކު ވެސް ފަހުން ޓްރާންސްފާކޮށްލާނެ ކަމަށް ބުނެފަ ޓްރާންސްފާ ކުރާނެ. ކޮންމެވެސް ވަރެއްގެ އިތުބާރެއްވެސް ކަސްޓަމަރުންނަށް ކޮށްގެން ކުރާ ކަމެއް މިއީ،" ޕެޕާމިންޓުގެ ވެރިފަރާތުން ބުންޏެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި މިކަން ކުރަމުން އަންނަނީ އެއް ބައެކެވެ. އެމީހުންގެ ވީޑިއޯވެސް ހުރިކަމަށް ވަނީ ބުނެފަ އެވެ.
އެފަރާތުން އިތުރަށް ބުނީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން "އަދަދު"އަށް ބުނީ މިފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.













