ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުން ދަނީ ކޮންމެ ފަރުދަކަށް ވެސް ރަނގަޅު ފަނޑިޔާރެއްގެ ހައްގު ހޯދައިދޭން ކަމަށް އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވިދާޅުވީ އިއްޔެ އެވެ.
ރާއްޖޭގެ ޖުޑިޝަރީ ހިނގަމުންދާ ގޮތް ޒުވާނުންނަށް ތަޖުރިބާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޖުޑިޝަރީ ފޮ ޖޫނިއާސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ، އަދުލު އިންސާފު ގާއިމްކުރުމަށް އެ ދާއިރާއަށް އެކި ފަންނުގެ މީހުންގެ ބޭނުން ޖެހިފައިވާ ކަމަށެވެ.
"ޖުޑިޝަރީއަށް ބޭނުންވަނީ ހަމައެކަނި ފަނޑިޔާރުންނާއި ލޯޔަރުންނެއް ނޫން، ޓެކްނީޝަނުންނާއި މީޑިއޭޓަރުންނާއި، ސޯޝަލް ވޯކާސް ބޭނުންވޭ، އައިޓީ ދާއިރާގެ ހުނަރުވެރިންނާއި ހިންގުންތެރިންނާއި ކޯޓު އޮފިސަރުން ވެސް ބޭނުންވޭ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ޖުޑީޝަރީއަކީ ޖިނާއީ އަދުލުގެ ނިޒާމުގެ އިތުރަށް މަދަނީ އަދުލު ވެސް އޭގައި ހިމެނޭ ކަމެއް ކަމަށެވެ. އާއިލާތަކާއި، މީހުންގެ އާންމު ދިރިއުޅުމާއި، ވިޔަފާރިތައް ހިމެނޭހެން އިންސާފެއް ބޭނުން ވެއްޖެ ހިނދެއްގައި އެ ކަމަށް އެދެވެނީ ފަނޑިޔާރުގޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަރިކަ ނުވަތަ އިންހެރިޓަންސްއާއި، ވިޔަފާރިއާއި، ދަރިންގެ ހަރަދާއި، ދަރިންގެ ކަސްޓަޑީއާއި، ގެވެށި އަނިޔާއިން ހިމާޔަތް ހޯދުމާއި، އާންމު ދިރިއުޅުމުގައި ދިމާވާ ހައްލު ނުކުރެވޭ އެތައް އެތައް މައްސަލައަކާ ގުޅިފައިވާ ދާއިރާއެއް،" މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރަކަށް ވެސް ހުންނެވި ހިސާން ވިދާޅުވި އެވެ.

ޖޭއެސްސީން މަސައްކަތް ކުރަމުން އަންނަނީ އެއިން ކޮންމެ މީހަކަށް ވެސް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއިން ވެސް އެންމެ މުހިންމު ހައްގަކީ ރަނގަޅު ފަނޑިޔާރެއް ލިބުމުގެ ހައްގުކަން ހިސާން ފާހަގަ ކުރެއްވި އެވެ.
"ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ، ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާލަން ޖެހޭ ވަގުތެއް، މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް،" ހިސާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި އިންނަވާ ހިސާން ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ކޮމިޝަންގެ ވާޖިބު އަދާކުރަމުންދާނެ ކަން ޔަގީންކުރާނެ ކަމަށެވެ.
"ތައުރީފާއި، ފާޑުކިޔުމުގެ ތެރެއިން، ކުރާ އުނދަގޫ މަސައްކަތެއް، ނަމަވެސް އަޅުގަނޑުމެން ކުރާ މަސަތްކަތް ކުރަނީ، ކޯޓު ކުރިމަތީ ހުއްޓޭ ކޮންމެ ފަރުދަކީ ވެސް އިންސާފުވެރި، އަދުލުވެރި ފަނޑިޔާރެއް ހައްގުވާ މީހެއްކަމަށް ވާތީ،" ހިސާން ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބްރިޖް މަސައްކަތުގެ ޝެޑިއުލަށް އެއްވެސް އަސަރެއް ކުރާނެތޯ ބަލަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނީ އިއްޔެ އެވެ.
- މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ހަމަނުޖެހުން ހިންގަމުންދާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ.
- ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމުގައި އެ އަތޮޅު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅީގައި ބަންދުކޮށްފައި ހުއްޓާ ދަންޖެހުނު އަބޫބަކުރު ފައިސަލްގެ ހާލު ރަނގަޅު ނުވާ ކަމަށާއި އަދިވެސް އޭނާ އޮތީ ކްރިޓިކަލް ހާލަތުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ ފަނޑިޔާރުގެއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިން ވިދާޅުވީ:
ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ، ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހާލަން ޖެހޭ ވަގުތެއް، މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމަދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް،
ދުވަހުގެ ފޮޓޯ

ރާއްޖެ އަދި ސިންގަޕޫރު އިއްޔެ ބައްދަލުކުރިކުރި މެޗުގެ ތެރެއިން. މި މެޗުން ރާއްޖެ ބަލިވީ 3-1 އިން. މިއީ އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި ފަސް ވަނަ މެޗު. މިދިޔަ މަހު ކޮންޓްރެކްޓް އާ ކުރި ފަހުން ކުޅުނު ދެ މެޗުން ވެސް މި ވަނީ ބަލިވެފައި. --- ފޮޓޯ: އެފްއޭއެމް












