ގެވެށި އަނިޔާއާއި އާއިލީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޖެންޑާ މިނިސްޓަރީ އިން ކުރިއަށް ގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން އަތޮޅުތެރޭގެ ރަށްރަށުގައި ބާއްވާ ސެޝަންތައް ކުރިއަށް ގެންދާނެ ޓުރެއިނަރުން ތަމްރީނު ކުރުމުގެ ތަމްރީން ޕްރޮގްރާމް އައްޑޫ ސިޓީ ގައި ކުރިއަށް ގެންގޮސްފި އެވެ.
ދެހާސް ވިހި ވަނަ އަހަރުން ފެށިގެން އެ މިނިސްޓަރީން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން އިއްޔެ ފެށި ދެ ދުވަހުގެ ތަމްރީނު ޕުރޮގުރާމުގައި އައްޑޫއާއި ފުވައްމުލަކުން އެކި ދާއިރާތަކުން ހޮވާލެވުނު 26 މީހަކު ބައިވެރިވި އެވެ.
ޖެންޑާ މިނިސްޓަރީން ބުނީ މި ޕުރޮގުރާމުގެ ތެރެއިން ތަމްރީނު ކުރާ ޓުރެއިނަރުންނާއި އެ މިނިސްޓަރީއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުގައި ގެވެށި އަނިޔާއާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމުގެ ތަފާތު ޕުރޮގުރާމުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމުގެ އަމާޒުގައި ޖެންޑާއިން ފެށި ގެވެށި ގުޅުން ކެމްޕެއިނަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން އެ މިނިސްޓަރީން ވަނީ އިތުރު އެއް އަހަރަށް އެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

ޖެންޑާއިން ކުރިއަށް ގެންދިޔަ ތަމްރީނު ޕުރޮގުރާމުގެ ބަްއިވެރިން -- ފޮޓޯ: ޖެންޑާ މިނިސްޓަރީ

އެ މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، ރިޒްނާ ޒަރީރު މި ނޫހަށް ވިދާޅުވީ ގެވެށި އަނިޔާ ތަހަންމަލު ކުރަމުންދާ އެތައް ބަޔަކު ރާއްޖޭގައި ތިބި ނަމަވެސް އެފަދަ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު ވަރަށް ބޮޑަށް މަދުކަމަށެވެ. އެހެންކަމުން ގެވެށި އަނިޔާއާ ގުޅޭގޮތުން އަދިވެސް މުޖުތަމައުގައި ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށެވެ.
"އަނިޔާ ލިބޭ މީހާ އެކަންޏެއް ނޫން، އަނިޔާ ލިބޭ މީހާގެ ގާތް ތިމާގެ މީހުންނާއި އަނިޔާ ކުރާކަން އެނގޭ އެހެން މީހުން ވެސް އެބަ ޖެހޭ އެފަދަ މައްސަލަތައް ރިޕޯޓު ކުރަން،" އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރީގެ އެދުމަކީ ގެވެށި އަނިޔާގެ މައްސަލަތަކުގައި ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުން، އަނިޔާ ލިބޭ މީހާގެ ވަށައިގެން ތިބި ހުރިހާ އެންމެންވެސް އެމީހުންގެ ޒިންމާ ނެގުން،"
ދާދި ފަހުން ހދ. ނޮޅިވަރަމުގައި ކުއްލި ގޮތަކަށް މަރުވި، ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ވެސް އެ ރަށުގެ ރައްޔިތުން ވަނީ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ނިޝާމާއަށް ދިންކަމަށް އެމީހުން ބުނާ އަނިޔާތައް ރަށު ރައްޔިތުންނާއި އާއިލާ މީހުންގެ ލޯ ކުރިމަތީގައި ހިނގަމުން ދިޔައިރު ވެސް ނިޝާމާގެ ފިރިމީހާ، އަބޫބަކުރު ފައިސަލްގެ އެއްވެސް މައްސަލައެއް ކަމާ ބެހޭ އެއްވެސް މުއައްސަސާއަކަށް ރިޕޯޓު ކޮށްފައެއް ނުވެ އެވެ.
ގެވެށި އަނިޔާގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ގެވެށި އަނިޔާގެ ގޮތުގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ އެންމެ 217 މައްސަލަ އެވެ.
ގެވެށި އަނިޔާ އަކީ ޖިސްމާނީ އަނިޔާއަކަށް ވާކަށް ނުޖެހެ އެވެ. ގެވެށި އަނިޔާގެ ތެރޭގައި އަނގައިން ކުރާ ފުރައްސާރަ އާއި ނަފުސާނީ ގޮތުން ދޭ އަނިޔާއާއި މާލީ ގޮތުން ދަތި ކުރުމުގެ އިތުރުން ފުރައްސާރަކޮށް ޖެއްސުން ކުރުމާއި އަނިޔާއެއް ދޭނެ ކަމަށް ބުނެ އިންޒާރުދީ ބިރު ދެއްކުން ވެސް ހިމެނެ އެވެ.
ޖެންޑާ މިނިސްޓަރީން ދަނީ ގެވެށި އަނިޔާއާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.











