ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު ޖައިލަމް މިރޭ 19:14 އެހައިކަންހާއިރު ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭނާ ފެނުނު އިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޖައިލަމް ގެއްލިގެން އާއިލާއިން އެކަން އެންގީ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ޖައިލަމް، އެންމެ ފަހުން ފެނުނީ މީގެ ފަސް ދުވަސް ކުރިން ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓު ކުރީ އާއިލާއިން ކަމަށް ފުލުހުން ބުނެ އެވެ.
ދާދި ފަހުންވެސް ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުން ދިޔަ ޒުވާނަކު ގެއްލިގެން ވަނީ އިއުލާންކޮށްފަ އެވެ. އެ ޒުވާނާ ނުފެނި އެތައް ދުވަހެއް ވުމަށް ފަހު ފެނިފައި ވަނީ ސްކޭޓްޕާކް ކުރިމަތީގައި އޮންނަ ވިނަގަނޑުގެ ތެރޭގައި ނިޔާވެފައި އޮއްވަ އެެވެ.

އެ މައްސަލަ ފުލުހުން އަދިވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.













