ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ޒުވާނަކު ގެއްލިގެން އޭނާ ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ސ. ހުޅުދޫ، ސީނިއަސްރުމާގެ، މުހައްމަދު ޖައިލަމް، 34، އެންމެ ފަހުން ފެނުނީ މީގެ ފަސް ދުވަސް ކުރިން ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓު ކުރީ އާއިލާއިން ކަމަށް ފުލުހުން ބުނެ އެވެ.
ޖައިލަމް ގެއްލިގެން އާއިލާއިން އެކަން އެންގީ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
ޖައިލަމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފޭސް ދޭއްގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެންހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ
ޖައިލަމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެކަން ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.

ދާދި ފަހުންވެސް ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުން ދިޔަ ޒުވާނަކު ގެއްލިގެން ވަނީ އިއުލާންކޮށްފަ އެވެ. އެ ޒުވާނާ ނުފެނި އެތައް ދުވަހެއް ވުމަށް ފަހު ފެނިފައި ވަނީ ސްކޭޓްޕާކް ކުރިމަތީގައި އޮންނަ ވިނަގަނޑުގެ ތެރޭގައި ނިޔާވެފައި އޮއްވަ އެެވެ.
އެ މައްސަލަ ފުލުހުން އަދިވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.













