މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ 19، ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންްދުރު 12:00 އާ ހަމައަށް ފޯމު ހުުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިއަހަރު މުދަލު ޒަކާތް ލިބުނު މީހުންގެ ތެރެއިން ހާލަތު ބަދަލުވެގެން އެ ލިސްޓުން ނަން އުނިކުރެވިފައިވާކަން އަންގާފައިނުވާ މީހުންނަކީ މިވަގުތު ވެސް އެ ލިސްޓުގައި ރަޖިސްޓްރީވެފައިވާ ބައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަލުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި އެ ދަފްތަރުގައި މިހާރު ތިބި ފަރާތްތަކުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެން ނަމަވެސް މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގައި އަންނަ ޖެނުއަރީ 19، އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ރަޖިސްޓްރީވާން ފޯމު ހުށަހަޅަންޖެހެ އެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. ފޯމުތައް ބަލައިގަންނާނީ އެ މިނިސްޓްރީން އެކަމަށް ހާއްސަކުރާ ކައުންޓަރަކުންނެވެ.















