ހދ. ނޮޅިވަރަމް ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް, އޭނާ ބަންދުކޮށްފައި ހުރި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅިތެރޭގައި ދަންޖެހި ހާލުދެރަވެފައި ވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ ސަލާމަތްތެރިކަން ޔަގީންނުކޮށްދެވުނީ ކީއްވެގެންކަން ބުނަން ފުލުހުން އިންކާރުކުރީ އިއްޔެ އެވެ.
ނިޝާމާ، 28، މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ ދިރިއުޅޭ ކޮޓަރި ތެރޭގަ އެވެ. އެއިރު ފައިސަލް، 32، ހުރީ ފިލައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. އޭނާ ހައްޔަރު ކުރީ އެތަނުގެ ޕޮލިސް ސްޓޭޝަނަށް ދިޔުމުންނެވެ. ދަންޖެހުނީ ރޭގެ ވަގުތެއްގަ އެވެ.
އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން، ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން ވަނީ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ދޭން ދެކޮޅު ހަދައިފަ އެވެ.
ފައިސަލް މިވަގުތު އޮތީ ކުޅުދުއްފުށި ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އޭނާގެ ހަށިގަނޑުން ނޭވާ ލެއްވުމަށް ޑޮކްޓަރުން އޮތީ މެޝިނު ގުޅައިފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ފައިސަލް އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ކްރިޓިކަލް ކަމަށެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ފައިސަލް އަމިއްލަ އަށް މަރުވާން އުޅުނު މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އަންނަނީ ބަލަމުންނެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނީ އެ ކޮމިޝަންގެ ޓީމެއް އިއްޔެ ކުޅުދުއްފުއްޓަށް ގޮސް ތަހުގީގު ވަނީ ފަށާފަ އެވެ.
ކަސްޓޯޑިއަލްތަކާއި ޕޮލިސް ސްޓޭޝަންތަކުގެ ހާލަތު ގޯސް
އެޗްއާރުސީއެމްއެޗުން ނެރެފައިވާ ހިއުމަން ރައިޓްސް ރިޕޯޓް 2021 ގައި ބުނެފައި އޮތީ ކަސްޓޯޑިއަލްތަކުގެ ހާލަތު ވަރަށް ގޯސް ކަމަށާއި ސިއްހީ ފަރުވާ ދެވޭނެ ނިޒާމެއް އެތަންތަނުގައި ގާއިމްވެފައި ނެތް ކަމަށެވެ. އަދި ޕޮލިިސް ސްޓޭޝަންތަކާއި ކަސްޓޯޑިއަލްތަކުގައި އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނުތިބޭ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.
އެންމެ ކަސްޓޯޑިއަލެއް ފިޔަވައި އެހެން ކަސްޓޯޑިއަލްތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ހާއްސަ ފަންނީ މީހަކު ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިސްލާހުކުރަން އަންގާފައިވާ ކަންކަމުގެ ތެރެއިން ފުރިހަމަ އަށް އިސްލާހުކޮށްފައިވަނީ 30 ވަރަކަށް ޕަސެންޓެވެ. ބައެއް ކަންކަމުގައި އިސްލާހީ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކޮށްފައިވާއިރު އެއްގޮތަކަށް ވެސް ރަނގަޅުކޮށްފައި ނުވާ ކަންކަން އެބަ ހުއްޓެވެ.
ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ނިޝާމާގެ އާއިލާއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަ ހުރި ހަމައެކަނި ޒަހަމަކީ ކަރުގައި ހުރި ކުޑަ ޒަހަމެކެވެ.
ބައެއް މުހިންމު ހަބަރުތައް
- އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްއާ ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތް ނަމަ ޕްރައިމަރީ ނުބާއްވާނެކަމަށް އެ ޕާޓީއިން ބުނީ އިއްޔެ އެވެ.
- ކައުންސިލްގެ ހުއްދައެއް ނެތި ހދ. ނޮޅިވަރަންފަރު ސަހަރާއަށް ފުލުހުންނާއި އާންމުންގެ ބަޔަކު ވަދެ މަހާނަ ކޮނުނު މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކައުންސިލުން ގޮވާލީ އިއްޔެ އެވެ.
- ގއ. މާމެންދޫ އުތުރުކޮޅު ގޮނޑުދޮށް ގިރަމުންދާ މައްސަލަ ހައްލުކުރަން ސަރުކާރަށް މިދިޔަ ފަސް އަހަރު އެއްވެސް ކަމެއް ކުރެވިފައި ނެތުމުން އެ ކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ރަށު މޫދު ސަރަހައްދުގައި ރަށު ކައުންސިލްގެ ޖަލްސާ ބޭއްވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ހދ. ނޮޅިވަރަންފަރުގެ ސަހަރާގައި ހުރި މަހާނަތަކެއް ކޮނުމާއި ގުޅިގެން އެ ރަށުގެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ:
ނޮޅިވަރަންފަރު ސަހަރާއަށް މި ކައުންސިލުގެ ހުއްދަ ނެތި ވަދެ، ކޮނެ ހިންގި އަމަލު މިކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެގެން ހުރި ފުލުހުންގެ މުއައްސަސާއިން މިފަދަ އަމަލުތައް ހިންގުމަށް އެއްބާރުލުންދޭ ދިނުން ކުއްވެރިކޮށް އަދި މީޑިއާތަކަށް މި ކައުންސިލް ބަދުނާމުކޮށް ފުލުހުން ދީފައިވާ މައުލޫމާތު ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
ދުވަހުގެ ފޮޓޯ

ރައީސް ސޯލިހު ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުރީދޫ ގްރޫޕްގެ އިސްވެރިންނާއި ބައްދަލުކުރައްވަނީ. ދެބޭފުޅުން ވަނީ، އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ޚިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމަޢަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް












