ދައުލަތުގެ ހަރުމުދަލުގެ ފުރިހަމަ ލިސްޓެއް ބަލަހައްޓަންޖެހޭ ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، 2009 ވަނަ އަހަރުގެ ކުރިން ގަނެފައިވާ ހަރުމުދަލުގެ މައުލޫމާތު ނެތް ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
ދައުލަތުގެ މުއައްސަސާތަކުގައި ހުރި ހަރުމުދަލުގެ މައުލޫމާތު ހޯދައި، ފުރިހަމަ ލިސްޓެއް ފިނޭންސް މިނިސްޓްރީން ބަލަހައްޓަން ޖެހޭނެ ކަމަށް މާލިއްޔަތު ގަވައިދުން ލާޒިމުކުރެ އެވެ.
މިއަދު ނެރުނު 2021 ވަނަ އަހަރު ސަރުކާރުގެ މާލީ ހިސާބުތަކުގެ އޮޑިޓު ރިޕޯޓުގައި ބުނީ ފިނޭންސުން ބަލަހައްޓާ ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި 2009 ވަނަ އަހަރުގެ ކުރިން ދައުލަތަށް ގަނެފައިވާ އެއްވެސް ހަރުމުދަލެއް ހިމަނާފައިނުވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ހަރުމުދަލުގެ ގޮތުގައި މާލީ ހިސާބުތަކުގައި ބަޔާންކޮށްފައިވާ 17.03 ބިލިއަން ރުފިޔާގެ ސައްހަކަން ވެސް ކަށަވަރުނުވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
ދައުލަތުގެ ހަރުމުދަތުގެ ތެރެއިން ހަލާކުވާ ނުވަތަ ވިއްކާލާ ހަރުމުދަލުގެ ލިސްޓުން އުނިކުރެވޭނެ ނިޒާމެއްގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެ އެވެ.

ދައުލަތުގެ ހަރުމުދަލުގެ ތެރޭގައި ހިމެނޭ ބިންތަކާއި، އިމާރާތްތަކުގެ އިތުރުން އުމްރާނީ ބައެއް ވަސީލަތްތައް އަގުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ވެސް ފިނޭންސުން ކުރަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.












