ޕޮލިސް ބޯޑުން ހުސްވެފައިވާ ގޮނޑިއަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަނުކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވަނީ މިކަން "އަދަދު" އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ޕޮލިސް ބޯޑުގެ ގޮނޑިއެއް ހުސްވީ އެ ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި މއ. މަނާގެ، އަލީ ފާއިޒު, ދިވެހި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެންނެވެ. ފާއިޒު އެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ބޯޑުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމުން ހަފްސީ ވިދާޅުވީ ބޯޑުގެ ބައްދަލުވުމެއްގައި ވަރަށް އަވަހަށް އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރާނެ ކަމަށެވެ.
ފުލުހުންގެ ގާނޫނުގެ 78 ވަނަ މާއްދާ ބުނާ ގޮތުން ބޯޑުގެ ރައީސް އަކީ ބޯޑުގެ މެންބަރުންގެ މެދުގައި ވޯޓު ނަގައިގެން ހޮވޭ މަގާމެކެވެ. ނަމަވެސް ރައީސްގެ މަގާމު ހުސްވުމުން އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަންޖެހޭ މުއްދަތެއް އެ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ ބޯޑަށް އައްޔަންކުރެވުނު ފަސީހުއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. 2012 ވަނަ އަހަރު ނަޝީދު އިސްތިއުފާ ދެއްވި އިރު އެ މަގާމުގައި ހުންނެވީ ވެސް ފަސީހު އެވެ.
އޭގެ ފަހުން ފަސީހު ވަނީ އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯކަން ވެސް ކުރައްވާފަ އެވެ.












