ރާއްޖޭގައި ގޮއްވަން އުޅުނު އެންމެ ބޮޑު ބޮން ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި އެކަކު ބަންދުން ދޫކޮށްލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި 14 މީހަކު ހައްޔަރުކޮށްފައިވާ އިރު، އައްޑޫ ސިޓީ މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެކަކު ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުން އެ މައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ އޭނަގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ބަންދު ކުރުމަށް ފުލުހުންގެ އިންޓެލް ރިޕޯޓް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލައި، އެ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ އެ މިންވަރަކީ ތުހުމަތު ކުރެވޭ ވަރަށް އެކަށޭނަ ހެއްކަށް ނުވާތީ އޭނާ ބަންދުކުރި އަމުރު ބާތިލްކުރަން ޖެހޭ ކަމަށެވެ.
ހައި ކޯޓުގައި މައްސަލެ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، އަދި ފަނޑިޔާރު ދީބަނާޒް ފަހްމީ އެވެ.

މާލެ، އައްޑޫ އަދި ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ފުލުހުން ފެއިލް ކޮށްލާފައިވަނީ ރާއްޖެއަށް ދޭން އުޅުނު އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ.
މީހުން ހައްޔަރުކުރުމަށްފަހު ފުލުހުންނާއި ސިފައިން ވަނީ ފުލުހުންގެ ޑޯގް ސްކޮޑް އަދި ބޮން ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ އެކި ސަރަހައްދުތައް ބަލާ ފާސްކޮށްފަ އެވެ.
އެގޮތުން، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ގެތަކާއި، އެ މީހުންނާ ގުޅުންހުރި ވެހިކަލްތަކާއި ޑިންގީއެއް ބަލައި ފާސްކުރުމުގެ ތެރެއިން ގެއަކުން ބާރުގަދަ ގޮވުންތަކަށް ބޭނުންކުރާ ހައި އެކްސްޕޯލިސްވް ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އޮޕަރޭޝަނުގައި އައްޑޫއިން ފުލުހުން ހޯދި ބާރުގަދަ ގޮވާތަކެއްޗަކީ ރާއްޖެއިން ބޭރުން އެތެރެކުރި ތަކެތިތޯ ސުވާލުކުރުމުން ވިދާޅުވީ މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށެވެ.












