ހދ. ނޮޅިވަރަމުގައި 28 އަހަރުގެ އަންހެނަކު މަރުވެފައި އޮއްވާ ފެނުމާ ގުޅިގެން ހޯދަމުންދިޔަ ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.
މަރުވެފައި އޮއްވާ ފެނުނީ ނޮޅިވަރަމު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު އެވެ. އެ މައްސަލައިގައި ހޯދަމުންދިޔައީ އޭނާގެ ފިރިމީހާ، އދ. ފެންފުށީ ރޯޒީވިލާ އަބޫބަކުރު ފައިސަލް އެވެ.
އަބޫބަކުރު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށް ނުދެ އެވެ.
ނަމަވެސް ނޮޅިވަރަމުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރު ކުރީ ހދ. ކުޅުދުއްފުށިން ކަމަށެވެ.
މަރުވި އަންހެން މީހާގެ އާއިލާގެ މީހަކު "އަދަދު" ނޫހަށް ބުނީ އަބޫބަކުރު ކުޅުދުއްފުއްޓަށް ދިޔައީ ކުއްލި ގޮތަކަށް ކަމަށެވެ.

"އޭނާ ކުޅުދުއްފުއްޓަށް ދިޔައީ ފެރީ ލޯންޗުގައި. ބުނީ ދަތެއްގައި ރިއްސަނީ ކަމަށް،" މި ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނިޝާމާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގެ އެނދުގައި ކަމަށް އެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް އޭނާ ބުންޏެވެ.
ނިޝާމާގެ ހަށިގަނޑު މިހާރު އޮތީ ނޮޅިވަރަމް ސިއްހީ މަރުކަޒުގަ އެވެ. މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ނިޝާމާ އާއި އަބޫބަކުރުގެ ކުޑަކުޑަ ތިން ކުދިން ތިބެ އެވެ. އެއީ ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
ބައެއް މުހިންމު ހަބަރުތައް
- ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ ފައިސާ އިތުރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
- މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރަކަށް މެންބަރުން އިންތިހާބުކުރީ އިއްޔެ އެވެ.
- އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތު ނުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
ރަށްރަށުގައި ގާއިމުނުކުރެވި ހުރި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރުމަށް ސަރުކާރުން ނިންމައިގެން އެ މަސައްކަތް ކުރިއަށް ގެންދަނީ އިންސާނީ އަސާސީ ހައްގުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް،"
ދުވަހުގެ ފޮޓޯ

ވެލިދޫން ފުރައިގެން ށ. ގޮއިދު އަށް ދަތުރުކުރަމުންދިޔަ "ހައިޝަމް" ނަމަކަށް ކިޔާ ކުޅުދުއްފުށީ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދިޔުން. އެ ދޯނި އަޑިއަށް ދިޔަ އިރު ދޯނީގައި ހަތަރު ދިވެހިން ތިބި ކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ --- ފޮޓޯ: އެމްއެންޑީއެފް













