ދިވެހިރާއްޖޭގެ ދެ ފުލުހަކު އިނގިރޭސިވިލާތުން ސްޓްރެޓީޖިކް ކޮމާންޑް ކޯސް ފުރިހަމަކޮށްފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ "ކޮލެޖް އޮފް ޕޮލިސިން" އިން އެ ކޯސް ފުރިހަމަކޮށްފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އާއި ޗީފް ސްޕްރިޑެންޓެންޑް އޮފް ޕޮލިސް ޝާކިރު އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިކަން އިއުލާންކުރައްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މިއީ ރައްޔިތުންނަށްޓަކާ ކުރިއަށް އޮތް މުސްތަގުބަލުގައި ފުލުހުންގެ މަތީ ފަންތީގައި ތިއްބަވާނެ ބޭފުޅުން އުފެއްދުމަށް ފުރިހަމަކުރެއްވި މުހިންމު ކޯހެއް ކަމަށެވެ.
އިނގިރޭސިވިލާތުގައި ހުންނަ ކޮލެޖް އޮފް ޕޮލިސިންއަކީ އިންގްލެންޑް އަދި ވޭލްސްގައި ހަރަކާތްތެރިވާ ފުލުހުން ތަމްރީންކުރުމަށް އުފައްދާފައިވާ އިދާރާއެކެވެ.
ދިވެހޮ ފުލުހުންގެ އެކި ރޭންކުތަކުގެ ބޭފުޅުން އަންނަނީ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އެކި އެކި ތަމްރީންތައް ފުރިހަމަކުރަމުންނެނެވެ. މިއީ ފުލުހުންގެ އިދާރާ އިތުރަށް ހަރުދަނާކުރުމަށް މުހިންމު ކަމެއް ކަމަށް އެފަރާތްތަކުން ފާހަގަކުރެ އެވެ.













