"އަނެއްކާ ތުއްދޮން ދަންނަންތަ؟" ރިޔާޒު ސުވާލުކޮށްލީ ސީދާ އަހަންނަށެވެ.
އަހަންނަށް ޖަވާބެއް ނުދެވުނެވެ. ލަބީބުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އެވެ.
ދެވަނަ ފަހަރު ވެސް ރިޔާޒު ސުވާލުކޮށްލި އެވެ. މި ފަހަރު މޫނު ކައިރިއަށް އޭނާގެ ދެ އިނގިލިން ޗޮކެއް ކަނޑައި ވެސް ލިޔެވެ. އަހަންނަށް ސިހިފައި ބަލައިލެވުނެވެ. ވަށައިގެންވާ އެންމެންގެ މޫނަށް ވަކިވަކިން ނަޒަރު ހިންގައިލެވުނެވެ. ކޮންމެ މީހަކު ވެސް އަހަންނާ ދިމާއަށް ބަލަހައްޓައިގެން ތިބީ ފާޑަކަށް ހިނިތުންވެގެންނެވެ. ހީވާ ކަހަލަ އެވެ. ބުޅާ ގޯނިން ބޭރުވީ އެވެ. އެ މީހުންނަށް އަހަންނާއި ލަބީބުއާ ދެމެދުގައި އޮތް ގުޅުން އެނގެނީ އެވެ. އެ ވާހަކަތައް ލަބީބު އެ މީހުންނަށް ކިޔައިދިނީ އެވެ. އެހެންވެ އެ މީހުން އަހަންނަށް މަލާމާތް ކުރަނީ އެވެ.
ދެވަނަ ސިކުންތުގައި ސުވާލުގެ ފައްވާރާއެއް ސިކުނޑިއަށް އުތުރޭން ފެށި އެވެ. މަލާމާތް ކުރާންވީ ކީއްވެ ހެއްޔެވެ؟ ވީ ކަމެއް، ހިނގިކަމެއްގެ ވާހަކަ އަކުރުން އަކުރަށް ކިޔައިދޭކަށް ލަބީބަކަށް ވެސް ނުކެރޭނެތާ އެވެ. އެއީ އަހަރުމެން ދެ މީހުންގެ ދެމެދުގައި ހިނގި އަމިއްލަ ކަމެއްތާ އެވެ. ގަދަކަމުން ނުރުހުމުގައި ހިނގި ކަންކަމެއް ނޫންތާ އެވެ. ދެ މީހުން ހިތާއި ނަފުސުން ބޭނުންވެގެން ބޭއްވި ގުޅުމެކެވެ.

ދެން އޮތީ ސަގާފީ ތަފާތުތަކެވެ. މި ވެރިންގެ ޤަބޫލުކުރުންތަކެވެ. ޤަބޫލު ކުރުމާއި ސަގާފީ ވަހުމުތަކަށް ހެއްލެމުން ހެއްލެމުން ގޮސް ހުރާފީ ގަބޫލުކުރުންތަކަށް ވެސް މި ވެރިންގެ ވިސްނުންތައް ބަދަލު ނުވެއްޖެ ނަމަ ކިތައްމެހާ ވެސް ރަނގަޅެވެ.
އަހަންނަށް ރިޔާޒުގެ ބޯމަތިން ކާށި ނޭއްލުނު މައްސަލަ އޮތީ އޮތް ގޮތަށެވެ. ކިރިޔާ ކަމެއްވާ އިރަށް އެކަން ހަނދާންކޮށްދޭ ކޮންމެ ވެސް ވާހަކައެއް ކޮންމެ ވެސް ސިފައެއްގައި މަންމަ ބޭރުކޮށްލާނެ އެވެ. އެކަން އޮތީ އަހަރެންގެ ބޮލުގެ ރިހުމަކަށް ވެފަ އެވެ. ހިތުގެ އަރައިރުމަކަށް ވެސް ވެފަ އެވެ. އަނެއްކާ އެ ހުރިހާ ކަމެއް އެހެން އޮއްވާ ޓަސްލައިފަ ލަބީބު މި ތަނަށް ފުންމާލުމުން ދެންވާނީ ކިހިނެއް ހެއްޔެވެ؟ ހިތުގެ ކަމަރާގައި އެ ހަނދާންތައް ރައްކާ ކުރެވިދާނެ ހެއްޔެވެ؟ އެ އިހުސާސްތައް ހިތުގެ ކޮށާރުން ބޯދިއްކޮށް ނުލާނެހެން ފޮރުވިދާނެ ހެއްޔެވެ؟
އަހަންނަށް އެކަން މައިތިރި ކުރެވިދާނެ އެވެ. މައްސަލައަކަށް ވާނީ އަހަންނެއް ނޫނެވެ. ލަބީބެވެ. ލަބީބަކީ ކާކުކަން އަހަންނަށް ވަރަށް ސާފުކޮށް އެނގެ އެވެ. އޭނާގެ ބޮލަށް އިބިލީސް ސަވާރު ވާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. އެ ސޮރު ސަވާރުވެއްޖެ ނަމަ ލަބީބަށް ހިތްހަމަ ޖެހުމެއް ލިބޭނީ ކިހިނެއް ވީމާ ކަން ވެސް އަހަންނަށް އެނގެ އެވެ.
ފުން ޚިޔާލުތަކާއި ފިކުރުތަކުގައި ހުއްޓާ ރިޔާޒު އަހަރެންގެ ދެ ކޮނޑުގައި އަތް ބާއްވާލި އެވެ. ސިހިފައި އަހަންނަށް ބަލައިލެވުނީ ލަބީބުގެ މޫނަށެވެ.
"ކޮންހާ ޚިޔާލެއް؟" ރިޔާޒު އަހައިލި އެވެ.
"ފަހަރިއަށް ވެސް އޮޅިދާނެތީ ކަން ނޭނގެ އެ ވަރަކަށް އެ ވިސްނެނީ. އެ ބަލަނީ." ދޮންބެދައްތަ އަހަރެންގެ މޫނަށް ބަލައިލި އެވެ.
އެއާއެކު އެންމެން ޕަކަޕަކަލައިފަ ހޭން ފެށި އެވެ.
އެންމެން އެކުގައި އަހަންނަށް މަލާމާތް ކުރަން ފެށީ ހެއްޔެވެ؟ އަނެއްކާ ވެސް އެއްކަލަ ވަހުމުތައް ބޮލުގައި އުތުރިގަތެވެ. ޔަގީނެވެ. އެ މީހުންނަށް އަހަރެންގެ ސިއްރުތައް އެނގުނީ އެވެ. އަހަންނާ ލަބީބުގެ ގުޅުން ފަޅާ އެރީ އެވެ. އެހެން ނޫންނަމަ އެ މީހުން އަހަންނާ ދިމާ ބަލަބަލައިފަ އެ ވަރަކަށް ނުހޭނެ އެވެ.
ސުވާލުތަކުން ބަރުވަމުން ދިޔަ ސިކުނޑިން ފޮނުވާލި މެސެޖާއެކު އަހަންނަށް ބަލައިލެވުނީ ސީދާ ލަބީބުގެ މޫނަށެވެ. އޭނާ ވެސް ހުރީ ފާޑަކަށް ހެވިފަ އެވެ. އެ ރީތި މޫނުން އަހަންނަށް ދުނިޔެ ސިފަވަމުން ދިޔައީ އެހެން ގޮތަކަށެވެ. ހަނދާނުގެ ކިއްލާގައި ތަސްވީރުވަމުން ދިޔައީ އެކުގައި އުޅެވުނު އުފާވެރި ދުވަސްތަކެވެ. ފިލްމެއްގެ މަންޒަރުތަކެއްހެން އެ ތަސްވީރުތައް އަވަސްވެފައިވާ ގޮތަކަށް ކުރެހެމުން ކުރެހެމުން ދިޔަ އެވެ. މަންޒަރަކަށް ފަހު މަންޒަރެކެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ހުރިހާ މަންޒަރުތަކެއް ނިމުނެވެ.
"އަހަންނާ ވައްތަރުތަ؟" އަނެއްކާ ވެސް ރިޔާޒު އަހަރެން ކޮނޑަށް ބާރުކޮށްލަމުން ބުނެލި އެވެ.
އަހަންނަށް ބަލައިލެވުނީ ސީދާ ލަބީބުގެ ލޮލަށެވެ. އޭނާ ކަނާއަތުގެ ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލީގެ ދެ މެދުން ދަތްދޮޅީގައި ފިރުމައިލި އެވެ. ތުންފަތް އެއްފަރާތަށް ދަމައިލަމުން، ލޯ ކުޑަކޮށްލަމުން ލުއި ގޮތަކަށް ހިނިތުންވެލި އެވެ. އެ ހަރަކާތުން އަހަންނަށް ޔަގީންވީ އެހެން ކަމެކެވެ. އޭނާ އަދިވެސް އަހަންނަށް އެދޭ ކަމެވެ. އަހަންނަށް ބޭނުންވާ ކަމެވެ. އޭނާގެ ސިކުނޑީގައި އަހަރެންގެ ޚިޔާލުތައް އެނބުރޭ ކަމެވެ. އަހަރެން މަތީން އޭނާ ހަނދާންކުރާ ކަމެވެ.
"މި ބުނީ އަހަންނާ ތުންދޮންނާ ވައްތަރުވީމަ ހޭ ތިވަރަކަށް އޭނާއަށް ތި ބަލަނީ؟" ރިޔާޒު އަނެއްކާ ވެސް އަހައިލި އެވެ.
އަހަންނަށް ބޯ ޖަހައިލެވުނީ ބޭއިޚްތިޔާރުގަ އެވެ. ކޮންމެހެން އެ ވާހަކައަށް ތާއިދުކުރާކަށް ނޫނެވެ.
"މާ ބޮޑަށް ވެސް ވައްތަރުދޯ! އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކު ގާތުގައި ތި އަހައިލީ." ލަބީބުގެ ލަފުޒުތަކުން އަހަންނަށް އުނދަގޫ ކަމެއް އިހުސާސްވަމުން ދިޔަ އެވެ.
އޭނާ އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ އެއީ ކިހާވަރެއްގެ ހަގީގަތެއް ހެއްޔެވެ؟ ވިސްނުމުގެ މީޒާނަށް ލަބީބުގެ ޖުމުލަ ހެޔޮކޮށްލެވުނީ ގަސްތަކު ނޫނެވެ. ބޭނުންވެގެންނެއް ވެސް ނޫނެވެ.
ރިޔާޒާއި ލަބީބު ތަޖުރިބާ ކުރީ އަހަރެންނެވެ. ދެ މީހުންގެ ވިސްނުމެވެ. ގަބޫލުކުރުމެވެ. އުޅުމެވެ. ދެ މީހުންގެ މިޒާޖެވެ.
"ކީއްވެ ތިހެން ތިބުނީ؟" ދޮންބެދައްތަ ބައިވެރިވެލީ ލަބީބުގެ ވާހަކައިގަ އެވެ.
އަނެއްކާ ދޮންބެދައްތައަށް ކަމެއް އޮޅުންނުފިލާ އޮތީ ހެއްޔެވެ؟ އެ މީހުންނަށް ލަބީބު ހުރިހާ ވާހަކައެއް ކިޔައިދީފައި އޮއްވާ ދެން ކީއްކުރަން ސުވާލު ކުރާކަށް ހެއްޔެވެ؟
"މި ބުނީ ރަށުން ބޭރު މީހުންތާ ކިޔައީ އަހަންނާ ރިޔާޒުއާ ވައްތަރޭ. ޓުވިންސެއްހޭ އަހަނީ ވެސް. އެއް ވައްތަރެކޭ ޖަހަނީ. މިރަށު މީހަކު ދުވަހަކު ވެސް އެހެންނެއް ނުކިޔާތާ ދޯ!" ލަބީބު ޖަވާބު ދިނެވެ.
އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޭގެ މަގާމުގައި ހިންދައިލެވޭތޯ ކުރަމުން ދިޔަ ހިތްވަރާއެކު އެކަން ކާމިޔާބުވި އެވެ. ހިތާހިތުން ޝުކުރު އަދާކޮށްކޮށްލެވުނެވެ. ލަބީބަށެވެ.
"އޭ! ޝުކުރުކޮށްލައިގެން ނުފުދޭނެ އިނގޭ. އަހަންނަށް ވަގުތު ނުދީފިނަމަ ހުރިހާ ކަމެއް އެންމެންނަށް ކިޔައިދޭނަން."
ބޭރުގައި ހުރި ޑަސްބިނަށް ކޮތަޅެއް ލައިފަ ގެއާ ދިމާއަށް މިސްރާބު ޖެހި އިރަށް ގަސްތަކު ތެރެއަށް ދަމައިގަތުމަށްފަހު އަނގަމަތީ އަތް އެޅި އެވެ. އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެހެން ބުނީ ކާކުކަން ނޭނގޭތީ އެވެ. ނޫނެކެވެ. އެއީ ލަބީބެވެ.
އަހަންނަށް ލިބުނު ސިހުމާއެކު ދެ ލޯ ބޮޑުކޮށްލެވުނެވެ. އެ އަނދިރިކަމުގެ ތެރޭގައި އަހަންނާ ލަބީބު އެ ގޮތަށް ތިއްބާ މީހަކަށް ފެނިދާނެތީ ތެޅި ގަނެވުނެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުންނެވެ. އޭނާގެ ކަށި ތުނބުޅި އަހަރެންގެ މޫނުގައި ޖެހެމުން ދިޔަ ވަރަކަށް ގައިން ހީނބިހި ނަގަމުން ވެސް ދިޔަ އެވެ.
"މިއަދު އަހަރެން އެއްމެ ވާހަކައެއް ބުނެލި ނަމަވެސް ހުރިހާ ކަމެއް ބޭޒާރުވާނެ. އަހަރެން ކިހާ ރަނގަޅު އެއްވެސް ވާހަކައެއް މީހަކަށް އަންގައި ވެސް ނުލަމެއްނު." ލަބީބުގެ ނޭވާ އަހަރެންގެ ތުންފަތަށް އެޅުނެވެ.
އޭރު ވެސް އޭނާ ހުރީ އަހަރެންގެ އަނގަމަތީގައި އަތް އަޅައިގެންނެވެ. އަހަރެން ގަދަ ހެދޭތޯ އުޅުނީމެވެ. ނަމަވެސް އެއްވެސް ކަމެއް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
"މާ ގޮތް ނުދައްކާތި އިނގޭ. އަނގަމަތީން އަތް ނެނގޭނީ ބަސްއަހައިގެން ހުންނަންޏާ! އެއްބަސްތަ؟" ލަބީބު ބުނެލި އެވެ.
އަހަރެން ބޯ ޖަހައިލީމެވެ.
"ވާހަކަދައްކާ ހިތްވޭ ދޯ؟" ލަބީބުގެ ކަނާއަތު ޝަހާދަތް އިނގިލީގެ ނުފުށުން އަހަރެންގެ ކޯތާފަތުގައި ފިރުމައިލި އެވެ.
އަހަންނަށް ބޯޖަހައިލެވުނެވެ. ހިތުގައި ހުރި ބިރުވެރިކަން ފިލައި ދިޔަ އެވެ. މަޑުމަޑުން ލަބީބަށް ލެނބެމުން ލެނބެމުން ދިޔަ އެވެ.
"އަހަންނަކަށް ނޭނގެ ވާގޮތެއް، ނިޒޫ ފެނުނީމަ އެ ދުވަސްތައް ހަނދާންވާންފަށާ،" ލަބީބު މޫނު ކައިރިކޮށްލި އެވެ. "އަހަންނަށް އެނގޭ ނިޒޫ ވެސް އަހަންނަށް ބޭނުންވާ ކަން."
ވައި އަޑުން ލަބީބު ވާހަކަދައްކަމުން ދިޔަ އެވެ. އަހަރެން ހުރީ ލަބީބުއާ ފާރާ ދެމެދުގަ އެވެ. އަހަރުމެންނަށް ތިބެވުނީ ހިސާބަކަށް އަނދިރި ތަނެއްގަ އެވެ. ބަގީޗާ ގަސްތަކުން ނިވާވެވިފަ އެވެ. ނަމަވެސް ކިރިޔާ ވެސް މީހަކު ނުކުމެއްޖެ ނަމަ އަހަރުމެން ފެންނާނެ އެވެ. ހިތްހަމަ ޖެހުމަކީ މަދުފަހަރު ނޫނީ އެ ފަޅިއަށް އެއްވެސް މީހަކު ނުނިކުންނާނެތީ އެވެ. މީހަކު އެ ތަނަށް ނުކުންނާނީ ވެސް ޑަސްބިނަށް އެއްޗެއް ލާން ޖެހިއްޖެ ނަމަ އެވެ.
"ހާސްނުވޭ މީހަކަށް ނޭނގޭނެ. މިތަނަކަށް މީހަކު ނާންނާނެ." ލަބީބު ވައި އަޑުން ބުނެލި އެވެ.
އޭނާގެ ހަރަކާތްތަކުން އަހަންނަށް އުނދަގޫ ކަމެއް އިހުސާސްވަމުން ދިޔަ އެވެ. ނަމަވެސް ކެތްކޮށްލައިގެން ހުރި ގޮތަށް ހުރީ އެވެ.
"ރިޔާ އެހާ ފައްކަލެއް ނުވާނެ. މަށަށް އެކަން އެނގޭ. މި ބުނީ މަށާ އަޅާ ކިޔައިފަ އޭނާ އެކްސްޕީރިއަންސް މަދުވާނޭ. މަށަށް އެނގޭ ނިޒޫ. ނިޒޫގެ ބޭނުންތައް." ލަބީބު މިސްރާބު ހުރީ މުޅީން އެހެން ދިމާއަކަށެވެ.
އެއީ އަހަރެން އެއްގޮތަކަށް ވެސް ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ރިޔާޒަކީ އަހަރެން ހަލާލު ފިރިމީހާ އެވެ. އެހެން މީހަކާ އޭނާއާ އެއްވަރެއް ނުވާނެ އެވެ. އަޅައެއް ނުކިޔޭނެ އެވެ. އެއްވެސް މީހަކަށް އޭނާގެ މައްޗަށް ކުރިއެއް ނުހޯދޭނެ އެވެ.
"ދެން ތި މައުޟޫގަ ވާހަކަ ނުދައްކާތި؟" އަހަރެން އިންޒާރެއް ގޮތަށް ބުނެލީމެވެ.
"އޭ ހާދަ ފުއްޕައިލީ. މިހާރު ފުއްޕަން ވެސް އެނގޭތަ؟" ލަބީބު ދެ ލޯ ބޮޑުކޮށްލި އެވެ.
އޭނާގެ މޫނު އަހަރެންގެ މޫނުގައި ޖައްސަން މަސައްކަތް ކުރި އެވެ. އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ނަމަވެސް ލަބީބު ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އޭނާ އަހަރެން ގައިގައި އޮޅުލައިގަތެވެ. އަހަރެން ތެޅި ގަތީމެވެ. އެގޮތް މިގޮތުން ސަލާމަތްވެވޭތޯ ބަލަމުން ދިޔައީމެވެ. ކޮންމެ ވެސް ގޮތަކުން އަހަންނަށް ލަބީބުގެ އަތްދަށުން ވީއްލެވުނެވެ. އޭނާއާ ދުރަށް ޖެހިލީމެވެ.
މީހަކު ކަރު ކެހިލި އަޑު އިވުނީ ދާދި ގާތުންނެވެ. ދެ މީހުންނަށް އެކުގައި ބަލައިލެވުނެވެ. އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. ލަބީބު ވެސް ހިމޭންވި އެވެ. (ނުނިމޭ)










