ފުލުހުން ހިންގާ ޓެރަރިޒަމްގެ އެކި ހަރަކާތްތަކުގައި ބޭނުންކުރުމަށް ހާއްސަކޮށް 10 ކުއްތާ ގެނެސްފި އެވެ.
ފުލުހުން މިއަދު ބުނީ، މި ކުއްތާތަކަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމަށެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ކުއްތާތައް ރާއްޖެ ގެނައީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. މި ކުއްތާތައް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ނޮވެމްބަރ މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައިކަމަށް ފުލުހުން ބުންޏެވެ.
ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައި ވެސް ފުލުހުންގެ ޑޯގް ސްކޮޑް އަންނަނީ ބޭނުންކުރަމުންނެވެ.
ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުންކުރަމުންގެންދަނީ 25 ކުއްތާ އެވެ.













