އަންނަ މަހުން ފެށިގެން އެއްގަމުުގައި ދުއްވާ އަދި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ދައްކަން ޖެހޭ ގޮތަށް ކަނޑައަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ މާލިއްޔަތާއިބެހޭ ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ، މިހާރު އުޅަނދުތަކުގެ އަހަރީ ފީ ބަލައިގަންނަ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އެ ހިދުމަތް ދެމުން އަންނަނީ މިއަހަރުގެ ނިޔަލަށް ކަމަށެވެ. އަދި، އަންނަ އަހަރު ފެށުމަށް ފަހު އެ ފީ ބަލައިގަންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑު ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ ސިސްޓަމެއްގެ ތެެރެއިން ކައުންސިލްތަކުން ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.
މި ފީ ބަލައިގަތުުމަށް މިއަހަރު ނިމުމުގެ ކުރިން ކައުންސިލްތަކުގެ އެކައުންޓްތައް ބަނޑޭރި ޕޭއަށް އިންޓަގްރޭޓުކުރަން މިހާރު އެލްޖީއޭއިން ވަނީ އަންގާފަ އެވެ. މި މުއްދަތުގައި ބަނޑޭރި ޕޭއަށް އެކައުންޓް އިންޓަގްރޭޓްކޮށްފައި ނުވާ ކައުންސިލްތަކަށް ނިސްބަތްވާ ފައިސާ ޖަމާވާނީ ޕަބްލިކް އެކައުންޓު މެދުވެރިކޮށް ކަމަށް ހާމަކޮށްފައިވެ އެވެ.
މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބަނޑޭރިޕޭއަށް އިންޓަގްރޭޓު ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިއަހަރު ތެރޭގައި އެއްގަމު އުޅަނދުތަކުގެ އަހަރީފީގެ ގޮތުގާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާވެފައިވާ އާމްދަނީ ކައުންސިލްތަކަށް ޓްރާންސްފާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީން ލިބޭ އާމްދަނީ ލިބޭނީ ކައުންސިލްތަކަށެވެ. ކައުންސިލްތަކުން ދެމުން ގެންދާ އެކި ހިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ ފައިސާ އާއި، ކައުންސިލްތަކުގެ އިހްތިސާސްގައިވާ ރަށްރަށް ކުއްޔަށްދީގެން ލިބޭ އާމްދަނީވެސް ލާމަރުކަޒީ ގާނޫނުގެ ތެރެއިން ލިއްބައިދެނީ ކައުންސިލްތަކަށެވެ.












