މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރުމުގެ ކޯލުތައް ޖަލުން ކުރާ ކަމަށް ބެލެވޭތީ އާއި ޓެރަރިޒަމަށް މަގުފަހީވާ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވިގެން މާފުށީ ޖަލު ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން މި ސާވިސްއާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މާފުށި ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަންއެށް މިރޭ ވަނީ ފެށިފަ" ކަމަށެވެ.
މި އޮޕަރޭޝަން ހިންގާ ކަމަށް ފުލުހުން ވެސް ރޭ ޓްވީޓުކުރި އެވެ. ނަމަވެސް އޮޕަރޭޝަންގެ އިތުރު ތަފްސީލެއް ނުދެ އެވެ.
މި އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 998 މައްސަލައެއްގައި 23 މިލިއަނެއްހާ ރުފިޔާގެ ފޭރިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހޯމަ ދުވަހު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ހިންގާ ސްކޭމް ކޯލްތައް މަދުކުރުމާ ގުޅޭ ގޮތުން ކަމާ ގުޅޭ އޮފީސްތަކަށް ބޭއްވި ވޯކްޝޮޕްގައި ހަމީދު ވިދާޅުވީ ސްކޭމް ކޯލުތައް ހުއްޓުވުމުގެ ގޮތުން 590 ސިމް ކާޑެއް ޑިސްކަނެކްޓުކޮށް، 532 އައިއެމްއީއައި ނަމްބަރެއް ބްލެކްލިސްޓު ކުރުމުގެ އިތުރުން 10 އައިޕީ އެޑްރެހެއް ބްލޮކް ކޮށްފައިވާ ކަމަށެވެ.

ސްކޭމް ކޯލްތަކާ ގުޅިގެން ޖަލު ބަލައި ފާސްކުރާއިރު، ބީއެމްއެލްއިން މިދިޔަ ނޮވެމްބަރު މަހު ބުނެފައި ވަނީ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ ގިނަ މައްސަލަތަކުގައި ކޯލުތައް ކުރަނީ ޖަލުގައި ތިބޭ ގައިދީން ކަމަށް ބުނެވޭނެ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ޖަލު ބަލައި ފާސްކުރާއިރު، މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް، ސަރުކާރުން އެދިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދާދި ފަހުން ކުރި ދިރާސާއަކުން ވެސް ވަނީ އެނގިފަ އެވެ.
އެ ދިރާސާގެ ރިޕޯޓާ ހަވާލާދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ "ގައިދީން ތިބީ ވަރަށް ނުރައްކާތެރި އޮއިވަރެއްގައި ޖެހިފައި" ކަމަށެވެ. އެ މަނިކުފާނު ފާހަގަ ކުރެއްވި ދެ އޮއިވަރަކީ ހަރުކަށި ފިކުރު ޕްރޮމޯޓުކުރާ ގައިދީން އާއި މަސްތުވާތަކެތި ބޭނުންކުރާ، އަދި އޭގެ ވިޔަފާރިކުރާ ގައިދީން ޖަލުތަކުގައި ތިބި ކަމެވެ.












