ލަންޑަން، އިނގިރޭސިވިލާތް (ޑިސެމްބަރު 6) - އެވެޓާގެ ފުރަތަމަ ބައި ނެރުނުތާ 13 އަހަރު ފަހުން ދެ ވަނަ ބައި "ދަ ވޭ އޮފް ވޯޓާ" ލަންޑަންގައި ޕްރިމިއާކޮށްފި އެވެ.
އެވެޓާއަކީ މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމެވެ. އެ ފިލްމަށް 2.8 ބިލިއަން ޑޮލަރު ލިބުނެވެ. އެހެންވެ، އޭގެ ދެ ވަނަ ބަޔަކަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ.
ޖޭމްސް ކެމެރަން ޑިރެކްޓު ކުރި އެވެޓާގެ ދެ ވަނަ ބައިގެ ދިގުމިނަކީ ތިން ގަޑިއިރެވެ. ޑިރެކްޓަރުގެ އުއްމީދަކީ "ސްޓާ ވޯޒް" އާއި "މާވެލް" ފިލްމުތަކާ އެއް ހަމައަށް އެވެޓާގެ ފިލްމުތައް އެރުމެވެ.
ކެމެރަން އެންމެ ފުރަތަމަ ބޭނުންވީ 2014 ގެ ކުރިން އެވެޓާގެ ދެ ވަނަ ބައި ނެރުމަށެވެ. އެހެން ނަމަވެސް ޓެކްނިކަލް ބޮޑެތި މަސައްކަތްތައް ކުރަން ބޭނުން ވާތީ ފިލްމު ލަސްވި އެވެ.
ފިލްމުގެ ތަރިންނަކީ ސޭމް ވޯތިންގްޓަން، ޒޯއީ ސަލްޑާނާ، ސިގޮރީ ވީވާގެ އިތުރުން ޓައިޓޭނިކް ފިލްމުން ވިދާލި ކޭޓް ވިންސްލެޓް އެވެ. އެ ފިލްމު އުފެއްދީ އެތައް މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

އެވެޓާގެ ދެ ވަނަ ބައި ޕްރިމިއާ ކުރި އިރު، ތިން ވަނަ ބައިގެ މަންޒަރުތައް ވެސް ވަނީ ޝޫޓުކޮށް ނިންމައިފަ އެވެ. ކެމެރަން ރާވާފައި ވަނީ އެވެޓާގެ ފަސް ބައި ނެރުމަށެވެ.
އެގޮތުން 2028 ވަނަ އަހަރާ ހަމައަށް ކޮންމެ ދެ އަހަރަކުން އެއް ފިލްމު ރިލީޒް ކުރަން އޭނާގެ ރޭވުމުގައި ވެ އެވެ.










