މާލޭގެ ފަޅުގައި އަޅާ އުޅަނދުފަހަރުން ނަގަމުން އަންނަ ފީ އާއި ވިޔަފާރިތަކަށް އެއްގަމު އުޅަނދުތައް ޕާކުކުރުމަށް ދޫކުރަމުން އަންނަ ޕާކިން ޒޯންތަކުން ނަގާ ފީ ބޮޑުކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާކިން ޒޯންތަކުން ނަގާ ފީ ބޮޑުކުރުމަށް ނިންމާފައި ވަނީ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 78 ވަނަ ޖަލްސާގަ އެވެ. ޖަލްސާގައި ނިންމާފައި ވަނީ ވިޔަފާރިތަކަށް ދޫކޮށްފައިވާ ޒޯންތަކުން ނަގާ ފީ 1500 އިން 3000 ރުފިޔާއަށް އިތުރު ކުރުމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕާކިން ޒޯންތައް ދޫކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ބޭންކުތައް ވެސް ހިމެނޭ ކަމަށާއި، އެހެން ކަމުން މި ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ކުންފުނިތަކުގެ ތެރޭގައި ބޭންކްތަކާއި، އެކި ކަހަކަ ކުންފުނިތައް ހިމެނޭނެ. އެހެންވީމަ އެ އަގު ބޮޑުކުރުމަކީ އަޅުގަނޑު ހިތުން ރަނގަޅު އުސޫލަކަށް ވާނެ," މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ފައްތިޔަލުގައި އަޅާ އުޅަނދުތަކުން ނަގާ ފީތަކަށް ގެނައި ބަދަލުތައް
މިމަހުގެ އެއްވަނަ ދުވަހު ފާސްކޮށްފައިވާ މާލެ އަދި ވިލިމާލެ ފަޅުން އުޅަނދުފަހަރު އެޅުމަށް ފައްތިޔާ ދޫކުރާ އުސޫލުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަޅުގައި އަޅާ އުޅަނދުތަކުން ނަގާ އަގު ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެކި ކަންކަމާއި ގުޅިގެން ނަގަމުން އަންނަ ޖޫރިމަނާތައް ވެސް މިހާރު ހުރި އަގަށްވުރެ ބޮޑުކުރުމަށް ނިންމާފައި ވެއެވެ.

އެގޮތުން، މާލޭ ހުޅަނގު ބަނދަރު ދާއިމީ ފަޅުހުއްދަ މިހާރު ނަގަމުން އަންނަނީ އުޅަނދުގެ ދިގުމިނަށް ކޮންމެ މީޓަރަކުން އެއް ރުފިޔާ އެވެ. މި ބަދަލާ އެކު އަމިއްލަ އުޅަނދުތަކުން ކޮންމެ މީޓަރަކަށް ނެގޭ އަގު ތިން ރުފިޔާއަށް އަދި ކުންފުނިތަކުގެ އުޅަނދެއް ނަމަ އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ފަސް ރުފިޔާ ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ.
ގްރީން ޒޯންގެ ލަގުޒަރީީ އުޅަނދުތަކުން ނަގާ ފައްތިޔާ ފީ ތިން ރުފިޔާއިން 10 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައި ވެއެވެ. ކުންފުނިތަކުގެ އުޅަނދުތަކުން ނަގާ މި އަގު 20 ރުފިޔާއަށް ވަނީ އިތުރުކޮށްފަ އެވެ.
މާލެ ދެކުނު ފަރާތު އެއްގަމުތޮށިކައިރިން ފައްތިޔާ ފީގެ ގޮތުގާ މިހާރު ނަގަމުން އަންނަނީ އުޅަނދުގެ ދިގުމިނުން ކޮންމެ މީޓަރަކަށް ތިން ރުފިޔާ އެވެ. މި ބަދަލާ އެކު އާންމު އުޅަނދުތަކުން އަށް ރުފިޔާ އަދި ކުންފުނިތަކުގެ އުޅަނދުތަކުން 10 ރުފިޔާ ނެގުުމަށް ނިންމާފައި ވެއެވެ.
އޭގެ އިތުރުން އެކި ބޭނުންތަކުގައި ޖެޓީއަށް ވަންނަ އެއްގަމު އުޅަނދުފަހަރުތަކުން ޖެޓީއަށް ވަނުމަށް ނަގާ ހުއްދައިގެ ގޮތުގާ މިހާރު ނަގަމުން އަންނަ 10 ރުފިޔާ 20 ރުފިޔާއަށް ބޮޑުކުރުމަށް ނިންމާފައި ވެއެވެ.
ޖޫރިމަނާއަށް ގެނައި ބައެއް ބަދަލުތައް
ފަޅު ހުއްދަ ހަމަވުމައް ފަހު ކުރެވޭ ޖޫރިމަނާގެ ގޮތުގައި މިހާރު ނަގަނީ 250 ރުފިޔާ ނަމަވެސް މި ޖޫރިމަނާ އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކުރާނީ އުޅަނދުގެ ބޮޑުމިނަށް ބަލާ ކޮންމެ މީޓަރަކުން 50 ރުފިޔާ ޗާޖުކުރާ ގޮތަށެވެ.
ސްޓިކާ ގެއްލުމުން އަލުން އާކުރުމަށް މީގެ ކުރިން ނަގަމުން އައި 10 ރުފިޔާ 100 ރުފިޔާއަށް އިތުރުވާނެ އެވެ. ގަވައިދާ ހިލާފްވެގެން ފުރަތަމަ ފަހަރަށް ޖަހާ ސްޓިކާއަށް މިހާރު 250 ރުފިޔާ ނަގަމުން އައި ނަމަވެސް އުސޫލަށް ބަދަލު ގެންނަ މުއްދަތުން ފެށިގެން ފުރަތަމަ ފަހަރު ނަމަވެސް 750 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލުމުން ދައުވާކޮށްފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދުގެ ވަކީލު ތަނާޒުލްވި ފަހުން ވެސް ފައިސާ ދައްކާފައިވާ ކަމަށް އޭނާ ބުނީ އިއްޔެ އެވެ.
- މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ޑިސެމްބަރު 26 ގައި ހަމަވުމުން، މާލެ އާއި ވިލިމާލޭގެ ކުނި ކެހުމާއި، އެ ކުނި ނެގުމާއި އުކާލުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަމިއްލައަށް ކުރިއަށް ގެންދިއުމަށް ފާސްކޮށް، އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތުގެ ކަރުދާހެއް އެ ކައުންސިލުން އެކުލަވާލީ އިއްޔެ އެވެ.
- މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތުގެ ތެރެއިން ވެއްޓުނު ކެރޭނު މިހާރު ނަގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތުގެ ޝެޑިއުލަށް އެއްވެސް ބުރުއެއް ނާރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ނަފްސާނީ ބަލިތަކުގެ ގައުމީ ކެމްޕޭން ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
ނަފްސާނީ ބަލިތަކާ ދެކޮޅަށް އަޅަން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، އެފަދަ ބަލީގައި އުޅޭ މީހުން އެކަހެރިވާން ދޫކޮށްނުލުން. އެމީހުންގެ އަތުގައި ހިފައި، އެމީހުންނަށް އެހީތެރިވެދިނުން. ނަފްސާނީ ބަލިތަކުގައި ދޭންޖެހޭ ބޭސްފަރުވާއަށްވުރެ، ޢާއިލާއާއި މުޖުތަމަޢުގެ ލޯތްބާއި އޯގާތެރިކަން ލިބުމަކީ މާ މުޖައްރިބު ފަރުވާއެއް.
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓްރޮފީ ކުއީންސް ބީސީން އުފުލާލަނީ. ފައިނަލުގައި އެ ޓީމު ވާދަކުރީ ސައިކްލޯން ބީސީއާ. ކުއީންސް އިން މި މުބާރާތް ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













