ކޯޓުގެ ބަންދު އަމުރަކާ މެދު ނޫސްބަޔާނެއް ނެރުނު މައްސަލައެއްގައި ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދުގެ މައްސަލަ ބަލަމުން ދަނިކޮށް އެ މެޖިސްޓްރޭޓު ކޯޓުގެ އިތުރު ދެ މެޖިސްޓްރޭޓުންގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރި މައްސަލައިގައި މެޖިސްޓްރޭޓު ރަފީއުއްދީންގެ މައްސަލަ ބަލަން ފެށީ މިދިޔަ މާޗު މަހުގެ ތެރޭގައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމް އާއި އެ ކޯޓުގެ މެޖިސްޓްރޭޓު ޒިޔާދާ ތޯހިރު ވެސް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެެހެންކަމުން، އެ ދެ މެޖިސްޓްރޭޓުންގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ ތެރެއިން އިސް މެޖިސްޓްރޭޓު ހާޝިމްއަކީ މީގެ ކުރިން ވެސް މައްސަލައެއްގެ ހަސްމަކާ ބައްދަލުކުރިކަން ސާބިތުވެ، ސުލޫކީ ފިޔަވަޅު އަޅާފައިވާ މެޖިސްޓްރޭޓެކެވެ.








