މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކުތަކަށް ޖަމާކުރި ފައިސާގެ މިންވަރު ދަށްވީ އިމްޕޯޓު ހަރަދު ބޮޑުވުމުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ.
ރާއްޖޭގެ އިގުތިސޯދާބެހޭ ތަފާސްހިސާބުތައް އާންމުކުރުމަށް ޑިސެމްބަރު 1 ގައި ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިން ވަނަ ކުއާޓަރުގައި ބޭންކުތަކުގައި ރައްކާކުރި ފައިސާ 10 ޕަސަންޓު ދަށްވެފައިވާ ކަމަށެވެ.
ކުރީ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭންކުތަކުގައި ރައްކާކުރާ ޖުމްލަ ފައިސާ 11 ޕަސަންޓު އިތުރުވެފައިވީ ނަމަވެސް، ތިން ވަނަ ކުއާޓަރުގައި އެހާ ބޮޑު އަދަދެއް މަދުވެފައި ވަނީ ބެންކުތަކުގައި ރައްކާކުރާ ބޭރު ފައިސާގެ ނިސްބަތް މަދުވުމުން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެ އެވެ.
ތިން ވަނަ ކުއާޓަރުގައި ދަށްވި މިންވަރުގެ 76 ޕަސެންޓު ހިއްސާކުރަނީ ބޭރު ފައިސާ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނީ ބޭންކުތަކުގައި ރައްކާކުރާ ބޭރު ފައިސާގެ ނިސްބަތް އެހާ ބޮޑަށް ދަށްވެފައި ވަނީ ރާއްޖެއަށް މުދާ އެތެރެ ކުރުމަށް ކުރި ހަރަދު ބޮޑުވުމުން ކަމަށެވެ.

ބޭންކުތަކުގައި ރައްކާކުރާ ބޭރު ފައިސާގެ ނިސްބަތް ދަށްވި ކަމުގައިވީ ނަމަވެސް ބޭންކުތަކަށް ލިބުނު ޖުމްލަ ފައިދާ ވަނީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދެ ޕަސެންޓު ކުރިއަރައިފަ އެވެ. ބޭންކުތަކަށް ލިބުނު ޖުމްލަ އާމްދަނީން ޓެކުހަށް ނުކަނޑައި، ފައިދާ 3.3 ބިލިއަނަށް އަރަ އެވެ.
ބޭންކުތަކަށް ލިބުނު ފައިދާ އިތުރުވެފައިވަނީ ނެޓު އިންޓަރެސްޓުގެ ގޮތުގައި ލިބުނު ފައިސާ އާއި ޕްރޮވިޝަނަލް ރިވާސަލްގެ ގޮތުގައި ބޭންކުތަކަށް ލިބުނު ފައިސާގެ ސަބަބުންނެވެ.
އޭގެއިތުރުން ބޭންކުތަކުން ދޫކުރި ލޯނުގެ އިންސައްތަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއަށް ޖެހިލާފަ އެވެ. ލޯނުގެ ގޮތުގައި ބޭންކުތަކުން ޖުމްލަ 32.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، މިއީ ކުރީ އަހަރަށް ވުރެ ދެ ޕަސެންޓު އިތުރު އަދަދެކެވެ. ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު ހުރީ 28.3 ބިލިއަން ރުފިޔާގަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭންކުތަކުން އެންމެ ގިނަ ލޯނު ދޫކޮށްފައި ވަނީ ޓޫރިޒަމް އާއި ކޮންސްޓުރަކްޝަން މަސައްކަތްތަކަށެވެ.
ބައެއް މުހިންމު ހަބަރުތައް
- އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ތިން ލޯނެއް ފިޔަވާ އެހެން ހުރިހާ ލޯނެއް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތަންފީޒު ކުރައްވަމުން ގެންދަވަނީ ރިޔާސީ އިންތިހާބަށް ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯ ކަމަށާއި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދިނީ އިއްޔެ އެވެ.
- ރާވައިގެން ހިންގަމުން ދިޔަ ޑްރަގު ވިޔަފާރީގެ ނެޓްވޯކެއް ފުލުހުން އަތުލައިގަތްކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ނިޒާމީ ވޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެ ވިދާޅުވީ:
އެ މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން އަޅުގަނޑުމެން ވައުދުވި ކަންތައް މިދަނީ ކުރަމުން. ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް މިދަނީ ކަށަވަރުކޮށްދެމުން. އެމެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް،
ދުވަހުގެ ފޮޓޯ

ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ތިން ލަންކާ މަސްބޯޓު. މި ބޯޓުތަައް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރު ދަނީ ކުރަމުން. އެ އިދާރާއިން މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރި ކަމަށް --- ފޮޓޯ: އެމްއެންޑީއެފް













