ގދ. ފަރެސް މާތޮޑާ ބާޚިރާ ދޯނިން އެއް ދުވަސްތެރޭގައި އެންމެ ގިނަ މަސް ބޭނި ރެކޯޑު ހޯދީ އިއްޔެ އެވެ.
މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ބާޚިރާ ދޯނިން މިއަދު ކޫއްޑޫ ފިޝަރީޒު ކޮމްޕްލެކްސްއަށް 58.6 ޓަނުގެ މަސް ބާނާފައިވާ ކަމަށެވެ.
އެ ދޯނިން ކިރުވި މަހުގެ އަގަށް 996,034ރ. ޖެހުނެވެ.
"މިއީ މިހާތަނަށް އެންމެ ގިނަ މަސް ކިރުވި ދޯނި. އެއް ދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސް ބޭނި ރެކޯޑު،" އިސްމާއީލް ވިދާޅުވި އެވެ.
ބާހަރާ ދޯނީގެ ކުރިން އެ ރެކޯޑު އޮތީ ގދ. މަޑަވެލީ ޓީއެސް ދޯންޏަށެވެ. އެ ދޯނިން ރެކޯޑު ހެދީ މިދިޔަ ސެޕްޓެމްބަރު މަހު 57.15 ޓަނުގެ މަސް ބާނައިގެންނެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވެސް ޓީއެސް ދޯނިން އެއް ދުވަހުގެ ތެރޭގައި 50 ޓަނުގެ މަސް ބާނާފައިވެ އެވެ.
ވޭތުވެދިޔަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރެވެ. މިފްކޯއިން ބުނި ގޮތުގައި 2021 ގައި 58،350 ޓަނުގެ މަސް ގަނެފައިވާއިރު، 2020 ގައި ގަނެފައިވަނީ 49،000 ޓަނުގެ މަސް ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- ކުދި ރަށްރަށުގައި ނަރުދަމާ އެޅުން ބޭކާރު ކަމަށް ވިދާޅުވެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމްކުރުުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި، މޫސުމަށް އަންނަ ބަދަލަށް ހޭނުމާއި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި މެނޭޖް ކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އިއްޔެ އެވެ.
- ދުނިޔޭގެ އިގުތިސާދީ ދުވެލި ދަށްވި ނަމަވެސް ކޮވިޑުގެ ކުރިން ރާއްޖޭގެ އިގުތިސާދު ހުރި މިންވަރަށް މި އަހަރު ނިމުމުގެ ކުރިން ރުޖޫއަ ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ލަފާކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ؛
އަޅުގަނޑުމެން ސިޔާސީ މީހުން އެއްވެސް ރައްޔިތެއްގެ ނުރުހުން ފޯރާކަށް ބޭނުމެއް ނުވާނެ. އެހެން ނަމަވެސް ދެކޮޅު ނުޖެހޭ ވާހަކަ ވެސް އަޅުގަނޑުމެން ދައްކައިގެން ނުވާނެ،
ދުވަހުގެ ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ފްލައިޓެއް ޓެކްސީ ކުރަނީ. ދިގުމިނުގައި 3,400 މީޓަރު، ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭ ހުޅުވީ މިއަހަރު. އާ ރަންވޭއާއެކު ގަޑިއިރެއްގެ ތެރޭގައި ހިދުމަތް ދެވޭ ފްލައިޓްގެ އަދަދު 8 އިން 21 އަށް އިތުރުވެ، ތިން މިނެޓަކުން މިހާރު ބޯޓެއް ޖައްސާ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












