ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 2020 ވަނަ އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރި ފައިސާގެ ހިސާބުތައް ދިމާނުވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
ދެހާސްވިހި ވަނަ އަހަރުގެ ސަރުކާރުގެ މާލީ ހިސާބުތަކުގެ އޮޑިޓު ރިޕޯޓުގައި ބުނީ އެ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 9.33 ބިލިއަން ރުފިޔާ ދޫކުރި ކަމަށް ސްޓޭޓްމަންޓް އޮފް އެސެޓްސްގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ އަހަރު ނިމުނުއިރު، އެސްއޯއީތަކަށް ދޫކުރި ކެޕިޓަލް ކޮންޓްރިބިއުޝަނަކީ 8.72 ބިލިއަން ރުފިިޔާ ސެޕްގައި ބަޔާންކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، އެ ދެ އަދަދުގައި 614 މިލިއަން ރުފިޔާގެ ފަރަގެއް ހުރި އިރު، 2020 ވަނަ އަހަރު ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ދައުލަތުން ދޫކުރި ފައިސާގެ ސައްހަކަން ކަށަވަރު ކުރެވިފައިނުވާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދެމުންދަނީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނިންމުމަށް ބިނާކޮށް ކަމަށްވާއިރު، އެކަމަށް ހަރުދަނާ އުސޫލެއް ނޯންނަ ކަމަށެވެ.
މިކަމުގެ ސަބަބުން، އެކި އެސްއޯއީތަކަށް އެކި އަދަދުތަކުން ކެޕިޓަލް ކޮންޓްރިބިއުޝަން ދެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންކަމުން، އެސްއޯއީތަކަށް ދައުލަތުން ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓައި، އެ ފައިސާ ދޫކުރުމުގައި ހަރުދަނާ ސިޔާސަތެއް އެކުލަވައިލުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.
ކުންފުނިތަކުގެ ރައުސުލްމާލަށް ދައުލަތުން ދޭ ފައިސާ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އަހަރުން އަހަރަށް ވަނީ މަތިވެފަ އެވެ.
މިގޮތުން، 2017-2018 ގައި 35 މިލިއަން ޑޮލަރުގައި ހުރި އަދަދު، 2019 ވަނަ އަހަރު ތިން ގުނަވެ، 102 މިލިއަން ޑޮލަރަށް ވަނީ އަރައިފަ އެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް އެ އަދަދު 139 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ.













