ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 100 މިލިއަން އެމެރިކާ ޑޮލަރު (1.5 ބިލިއަން ރުފިޔާ) ލޯނެއް ރާއްޖެއަށް ދިނީ އިއްޔެ އެވެ.
އެ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސާދީފައި ވަނީ، ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) މެދުވެރުކޮށް ރާއްޖޭގެ ޓްރެޒަރީ ބޮންޑު ގަނެގެންނެވެ. އެކަމަށްޓަކައި އިންޑިއާއިން ވަނީ އެސްބީއައި އަށް ސޮވެރެއިން ގެރެންޓީ ދީފަ އެވެ.
އެ ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ނަމަވެސް، ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތާއި އިންޓްރެސްޓް ރޭޓެއް، ދެ ގައުމުން ހާމައެއް ނުކުރެ އެވެ.
ރަސްމިއްޔާތުގައި ފޮރީން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި އެންމެ އަވަހަށް އިޖާބަދީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތް ކަމަށެވެ.
ބަޖެޓު ސަޕޯޓަށް 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ މި އަހަރުގެ އޯގަސްޓްގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި މަޝްވަރާތަކުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ބަޖެޓް ސަޕޯޓަށް 100 މިލިއަން ޑޮލަރު ފޯރުކޮށްދެނީ އެއްވެސް ޝަރުތަކާ ނުލައި، ދިވެހި ސަރުކާރުން އިސްކަން ދޭ ގޮތަކަށް އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާ ބަޖެޓެއް މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު، ބަޖެޓާއި ދައުލަތުގެ ދަރަންޏާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް މެމްބަރުންގެ ހުއްޓެވެ.
ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު 9.2 ޕަސެންޓުން އިތުރުވެ، ޖުމްލަ ދަރަނި 101 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގަމުންދާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ ގޮތުން ގަރާޖު ހެދުމަށް ހުޅުމާލެއިން ބިން ދިނުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އިން ބުނީ އިއްޔެ އެވެ.
- މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކޮށްފައިވާ ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދުގެ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އިއްޔެ އެވެ.
- އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ "އުންމީދީ ބަޖެޓެއް" ނަމަވެސް ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑީވްސް ރީފޯމް މޫވްމަންޓު (އެމްއާރްއެމް)އިން ބުނީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ތ. ވިލުފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި ދެ ދޯނީގެ ވެރިޔާ އިއްޔެ އަދަދުއަށް ބުނީ:
އަލިފާން ރޯވީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގޭ. ދެ ދޯނި ގާތްގަނޑަކަށް ވަނީ އެއްކޮށް އަނދައިފަ. ގެއްލުން ގާތްގަނޑަކަށް މިލިއަނަކަށް އަރާނެ،
ދުވަހުގެ ފޮޓޯ

ވިލުފުށީގައި ބަނދަރުގައި އޮތް ދެ ތެޔޮ ދޯނީގައި އަލިފާން ރޯވި ހާދިސާގައި، އެއް ދޯނި އަޑިއަށް ގޮސްފައި. އަލިފާން ރޯވިއިރު، ޑީސަލް ބަރުކޮށްފައި އޮތް ދޯނީގައި ގާތްގަނޑަކަށް 4000 ލީޓަރުގެ ތެޔޮ ހުރި. ލަކުޑިން ހަދާފައިވާ ދެ ދޯނީގައި ތެޔޮ އުފުލަން ދަގަނޑު ޓޭންކު ބަހައްޓާފައި ހުރޭ. -- ފޮޓޯ: އިނާޒު













