މަރުގެ މައްސަލަތަކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުންނަ ޖިނާއީ ތަހުގީގު ހިންގުމުގެ މުއްދަތު ނުހިނގާ ގޮތަށް ގާނޫނު އިސްލާހުކޮށް ގެޒެޓްކޮށްފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ތަހުގީގަށް މީހަކު ބަންދު ކުރުމަށް ފަހު އޭގެ ފަހުން ތިން މަސް ދުވަހުގެ ތެރޭގައި ދައުވާ ކުރުމަށް ފޮނުވަން ޖެެހެ އެވެ. އެއީ ބަންދުގައި ބެެހެއްޓިޔަސް އަދި ބަންދުން ދޫކޮށްލިޔަސް ތަހުގީގު ނިންމުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވި އިސްލާހުގައި ވަނީ ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔައަސް އޭގެ ފަހުން އާ ހެއްކެއް ލިބިއްޖެނަމަ އެ ހެކީގެ މައްޗަށް ބިނާކޮށް ދައުވާ ކުރެވޭ މަގު ހުޅުވައިދީފަ އެވެ.
އެހެން ވިޔަސް މަރުގެ މައްސަލަތަކާއި، އިސްލާމް ދީނުގައި މަރުގެ ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އެންމެ ލަސްވެގެން އަށް އަހަރުގެ ތެރޭގައި ހެކި ހޯދުމަށް އަށް އަހަރުގެ މުއްދަތެއް އިސްލާހުގައި ހިމަނާފައިވެ އެވެ.
މި އިސްލާހުގައި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާނުކޮށް، ތަހުގީގަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އެންމެ ދިގު މުއްދަތް ކަމަށްވާ ތިން މަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓޭ ގޮތަށް ވެސް ހިމަނާފައިވެ އެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ މައްސަލަތަކާއި މީހުން މެރުމާއި ނުރައްކާތެރި މާރާމާރީ އާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަނީ ލޯންޑަރިންނާއި މީހުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމެވެ.












