ކުރީގެ އަނބިމީހާގެ ގެއަށް ވަދެ އަނިޔާ ކުރުމުގެ ކުށުގެ ތުހުމަތުގައި ފުލުހެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ ނުވަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ދ. އަތޮޅަށް ނިސްބަތްވާ އެ ފުލުސް މީހާގެ މައްޗަށް ދައުލަތުން ވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ، އަދި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.
މި ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވި އެވެ. ތިން ދައުވާއަށް ޖުމުލަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
އޭގެ ތެރެއިން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއަށް އޭނާގެ މައްޗަށް ކަނޑައެޅި އަދަބަކީ ނުވަ ދުވަހަށް ޖަލަށް ލުމެވެ.
އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށް އޭނާގެ މައްޗަށް ކަނޑައެޅީ ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ އަދަބެވެ.

އަދި އަނިޔާއެއް ދިނުމުގެ ކުށުގެ އަދަބަށް އޭނާގެ މައްޗަށް ކަނޑައެޅި އަދަބަކީ ދެ މަހާއި ތިން ދުވަހަށް ޖަލަށް ލުމަށެވެ.












